އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

May 30, 2021

ޗައިނާގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ފުރަން ތައްޔާރުވަމުން ދަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ދަގަނޑޭ ބުނީ މިއަދު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓެއްގަ އެވެ.

ގައުމީ ޓީމާއެކު ދުބާއީގައި ޓްރެއިނިން ހަދަމުން އައި ދަގަނޑޭ ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ. އޭއެފްސީ ކޮލިފައިންގެ އެއްވެސް މެޗެއްގައި ދޭން އޭނާއަށް ނުކުޅެވޭނެތީވެ ދަގަނޑޭ ވަނީ ގައުމީ ޓީމަށް ކާމިޔާބަށް އެދިފަ އެވެ.

ދިވެހި ގައުމީ ޓީމު ރާއްޖޭގެ ހޮޓެލް ޖެންގައި ކޭމްޕް ކުރުމަށް ފަހު ރާއްޖޭގައި ޓްރެއިނިން ހަދަން އެއްވެސް ދަނޑެއް ހަމަޖެހޭ ގޮތް ނުވުމުން ޓީމު ދުބާއީއަށް ފުރީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ހޮޓެލް ޖެންގައި ހުރި ދުވަސްކޮޅު ދަގަނޑޭ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާ ކުޑަ ދުވަސްކޮޅަކަށް ގެއަށް ގޮސް ހޯމް ކަރަންޓީންގައި މަޑުކުރި އެވެ. ނަމަވެސް ފަހުން ދުބާއީއަށް ފުރުމުގެ ކުރިންނާއި އަދި ދުބާއީއަށް ގޮސް ޓްރެއިނިންތައް ފެށުމުގެ ކުރިން ދަގަނޑޭއާއި އެހެން ކުޅުންތެރިން ހެދި ޓެސްޓްތަކުން ވަނީ ނެގެޓިވް ވެފަ އެވެ.

ދަގަނޑޭގެ އިތުރުން މިވަގުތު ދުބާއީގައި ހުރި ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ގައުމީ ޓީމު މިއަދު ޗައިނާއަށް ފުރަން ހަމަޖެހިފައި އޮތް ނަމަވެސް މި ދެ ކުޅުންތެރިން ޕޮޒިޓިވް ވުމާ ގުޅިގެން ޗައިނާގެ ހެލްތު އޮތޯރިޓީން ލިބެން ޖެހޭ ހުއްދައެއް ނުލިބިގެން ގައުމީ ޓީމު ފުރުން ވެސް މިހާރު ވަނީ ފަސް ކޮށްފަ އެވެ.

ދަގަނޑޭއާއި ތޮއްޕޭ ޕޮޒިޓިވް ވުމާ ގުޅިގެން ދުބާއީގައި ކޮވިޑްގެ ޕްރޮޓޮކޯލްތައް ހަމަޖެހިފައިވާ ގޮތުން އެ ދެ ކުޅުންތެރިން އެތަނުގައި 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. އޭގެ ފަހުން ދެ ކުޅުންތެރިން އަންނާނީ ރާއްޖެ އަށެވެ.

ގައުމީ ޓީމު ދުބާއީ އަށް ފުރިއިރު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާތީ ވަރަށް މުހިއްމު ކުޅުންތެރިންތަކެއް ސްކޮޑާއެކު ގެންގޮސްފައެއް ނުވެ އެވެ. މީގެ ތެރޭގައި ހަސަން ރާއިފް (ހަންނަ)، ޔަސްފާދު ހަބީބު (މުލަކޭ)، އިސްމާއިލް އީސާ (މެސީ)، އަދި އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ.

ދަގަނޑޭއާއި ތޮއްޕެ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިން އަލުން ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށްވެސް މިހާރު ބެލެވެ އެވެ.

އޭއެފްސީ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އޭގެފަހުން ޖޫން މަހުގެ ހަތްވަނަ ދުވަހު ގައުމީ ޓީމު ނިކުންނާނީ ސީރިއާއާ ދެކޮޅަށެވެ. އަދި ޖޫން މަހުގެ 15 ދުވަހު ގައުމީ ޓީމު ނިކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.