ގައުމީ ފުޓްބޯޅް ޓީމް

ދަގަނޑޭ ގައުމީ ޓީމާ ގުޅިއްޖެ

Jun 9, 2021

ކޮވިޑް-19 އަށް އެންްމެ ފަހުން ހެދި ޓެސްޓް ނެގެޓިވްވެ އޭގެ ފަހުން ފުރިހަމަ ކުރަން ޖެހުނު ކަރަންޓީން މުއްދަތަށް ފަހު އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމާ ގުޅިއްޖެ އެވެ.

ދިވެހި ގައުމީ ޓީމު ރާއްޖޭގެ ހޮޓެލް ޖެންގައި ކޭމްޕް ކުރުމަށް ފަހު ރާއްޖޭގައި ޓްރެއިނިން ހަދަން އެއްވެސް ދަނޑެއް ހަމަޖެހޭ ގޮތް ނުވުމުން ޓީމު ދުބާއީއަށް ފުރީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ހޮޓެލް ޖެންގައި ހުރި ދުވަސްކޮޅު ދަގަނޑޭ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާ ކުޑަ ދުވަސްކޮޅަކަށް ގެއަށް ގޮސް ހޯމް ކަރަންޓީންގައި މަޑުކުރި އެވެ. ނަމަވެސް ފަހުން ދުބާއީއަށް ފުރުމުގެ ކުރިންނާއި އަދި ދުބާއީއަށް ގޮސް ޓްރެއިނިންތައް ފެށުމުގެ ކުރިން ދަގަނޑޭއާއި އެހެން ކުޅުންތެރިން ހެދި ޓެސްޓްތަކުން ވަނީ ނެގެޓިވް ވެފަ އެވެ.

ނަމަވެސް ގައުމީ ޓީމު ޑުބާއީއަށް ގޮސް ހެދި ޓެސްޓުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ ފަހުން ޖޫން ހަތަރެއްގައި ހެދި ޓެސްޓް ވަނީ ނެގެޓިވް ވެފައެވެ. ނަމަވެސް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހުނެވެ.

މިވަގުތު ދުބާއީގައި ހުރި ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑުން ފަސޭހަވެ ކަރަންޓީން މުއްދަތަށް ފަހު ގައުމީ ޓީމާއި ގުޅިފައެވެ. އެހެން ކަމުން އަންނަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގައި ދެ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެ އެވެ.

އޭގެ ފަހުން މި މަހު 15 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނާނެ އެވެ.