ރައްޔިތުންގެ މަޖިލިސް

ފާޑުކިޔުން ބޮޑުވެ، އުފަންވުމުން ރަޖިސްޓްރީ ކުރާ ބިލަށް އިސްލާހު ހުށަހަޅަނީ

އުފަންވުމުން ރަޖިސްޓްރީކުރުމުގައި ގެންގުޅެން ޖެހޭ އުސޫލު އެކުލަވާލުމަށް ހުށަހެޅި ބިލަށް ފާޑުކިޔުން އަމާޒުވުމުން، އިސްލާހުތަކެއް ގެންނަން ނިންމައިފި އެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ބިލުގެ ބޭނުމުގެ ތެރޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއެކު މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި މަރުވާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ބިލުގައިވާ ގޮތުން ކުއްޖާ އުފަންވާތާ ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީކުރަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން މައިންބަފައިންނަށް ލާޒިމް ވާނެ އެވެ. އަދި އާންމުކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކުއްޖެއްނަމަ ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ނަމަވެސް އެ ހުށަހެޅުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މުއިއްޒު މިރޭ އަވަސްއަށް ވިދާޅުވީ އާންމުންގެ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށެވެ.

"އަސްލު މީހުންނަށް ހީވެފައި އޮންނަނީ ބިލެއް ލީމަ ހަމަ އެގޮތަށް ފާސްކުރާނިއްޔޭ. އެހެނެއް ނޫން. އަޅުގަނޑަށްވެސް ފެނިފައި އެބަހުރި ޖޫރިމަނާ މާބޮޑުވެގެންނާއި މުއްދަތު މާކުރުވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވޭތަން. އެހެންވީމާ ކޮމެޓީ މަރުހަލާގައި އެ ކަންތައްތަކަށް އިސްލާހު ހުށަހަޅަން ވިސްނުން އެބަހުރި" މުއިއްޒު ވިދާޅުވި އެވެ.

މިފަހުން ސަރުކާރުގެ ފަރާތުން ޕެންޝަނާ ބެހޭ ގާނޫނަަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި އެ ބިލް ފަހުން ވަނީ ގެނެސްފައެވެ.