އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ގާޒާ އާބާދު ނުކޮށް ސުލްހަ ދަމަހައްޓަން ދަތި: ހަމާސް

ފަލަސްތީނުގެ ގާޒާ އަލުން އާބާދު ކުރަން ކުރާ މަސައްކަތްތައް އިޒްރޭލުގެ އެއްބާލުން ލިބެން ޖެހޭނެ ކަމަށާއި އެނޫން ގޮތެއްގައި ސަރަހައްދީ ސުލްހަ ދެމި ނޯންނާނެ ކަމަށް ހަމާސްއިން ބުނެފި އެވެ. އިޒްރޭލުން ކޮށްދޭން ޖެހޭ ކަމެއް ހުއްޓުން އަރުވައި ތާށި ކުރުމަކީ ބަލައި ނުގަނެވޭނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ގާޒާ އަލުން ބިނާކޮށް އާބާދު ކުރެވޭނީ އެވެނި މިވެނި ކަމެއް ކުރުމުން ކަމަށް ބުނެ އިޒްރޭލުން ބިރު ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތް ކަމަށާއި ހަމަލާތައް ހުއްޓާލާފައި އެ އޮތީ ގާޒާ ބިނާ ކުރަން ޝަރުތުކޮށް ކަމަށް ހަމާސްއިން ބުނެ އެވެ. އަދި ބުނީ ގާޒާއިން އިޒްރޭލަށް ފޮނުވާ ރޮކެޓްތައް މިހާރު ވެސް ހުރީ ކޮޅަށް ޖަހާފައި ކަމަށާއި ފީތާ ފަށުގައި ރޯކޮށްލުމުން އެއެޗެހި އުދުހި ގަންނާނެ ކަމަށެވެ.

އިޒްރޭލުގެ އަޔަން ޑޯމްގެ ކުރިމަތީގައި ހަމާސްއިން ފޮނުވާ ދެރަވަރުގެ ރޮކެޓްތަކަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ބުނާއިރު، ހަމަލާ ހުއްޓާލަން މަޖުބޫރު ކުރުވީ ވެސް ދެރަވަރުގެ ރޮކެޓްތައް ކަމަށް ހަމާސް ބުނެ އެވެ. އިޒްރޭލު ހައިރާންވެ ސޮނި ވެއްޓޭ ފަދަ ރޮކެޓްކޮޅެއް ހުރި ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފަ އެވެ.

ފަލަސްތީންގެ ގާޒާއަށް އިޒްރޭލުން ހަމަލާދޭން ފެށީ މެއި 10 ވަނަ ދުވަހު އެވެ. މެއި 21 ގައި ހަމަލާތައް ހުއްޓާލަން އެއްބަސްވި ނަމަވެސް ސަރަހައްދީ ހާލަތު އަދިވެސް މުޅިން ރަނގަޅެއް ނޫނެވެ. އިޒްރޭލުން ފަލަސްތީން މީހުން ޝަހީދު ކުރުމާއި ޖެއްސުންކުރުން މިހާރު ވެސް ދަނީ ކުރިއަށެވެ.

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 254 މީހުން ވަނީ މަރާލާފަ އެވެ. އޭގެ ތެރޭގައި 66 ކުދިންނާއި 39 އަންހެނުން ހިމެނެ އެވެ.