ދިވެހި ސިނަމާ

މިހާރު އެންމެ ހިނގަނީ "އަވައްޓެރިޔާ"

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވަގުތު ހޭދަ ކުރަން ޖެހިފައި ވަނީ ގޭގަ އެވެ. އެހެން ކަމުން މުނިފޫހިފިލުވުމަށް މިވަގުތު އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކެވެ. ޑްރާމާ ސިލްސިލާތަކާއި ފިލްމީ ތަފާތު އުފެއްދުންތައް ބަލާލަން ބޭނުންވާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ގިނައެވެ. އެކަމަށް މާގިނަ ފުރުސަތުތަކެއް ނެތް ނަމަވެސް "ބައިސްކޯފް" އާއި "ދިރާގު ޓީވީ އެޕް" އާއި މީޑިއާ ނެޓްގެ "މަލްޓި ސްކްރީން" މެދުވެރިކޮށް ތަފާތު އުފެއްދުންތައް ދަނީ ގެނެސްދެމުންނެވެ.

މި ދުވަސްވަރު އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ "ބައިސްކޯފް" އިން ގެނެސްދޭ "އަވައްޓެރިޔާ" އެވެ. ރާއްޖޭގެ އެއް ނަންބަރު އެކްޓަރު އަދި ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ޑްރާމާ ސިލްސިލާއަކީ 26 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ އެކެވެ.

އެ ސިލްސިލާއަކީ ޔޫއްޕެގެ "ޔޫއްޕެ ޕްރޮޑަކްޝަން" އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ "ޝައި ޕްރޮޑަކްޝަން" ގުޅިގެން ގެނެސްދެމުންދާ ޑްރާމާ ސިލްސިލާއެކެވެ.

ގިނަ ތަރިންތަކެއް ހިމަނައިގެން ގެނެސް ދޭ މި ސީރީޒްގެ ނުވަ އެޕިސޯޑް މިހާރު ވަނީ ބެލެންތެރިންނަށް ދޫކޮށްލާފަ އެވެ.

ހެއްވާ މަޖާ އެތައް ކަމެއް ހިމެނޭ މި ސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެން ދަނީ އިބްރާހިމް ޖިހާދު (ޖިމީ) އާއި އަހުމަދު އީސަ (އާނަންދު) އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އައިމިނަތު ނޫރާ އާއި އަހުމަދު އަޒްމީލް (އަޒޭ) އާއި އަހުމަދު ޒިޔާ އާއި މުޅީން އަލަށް ތައާރަފު ކުރާ އަންޝާމް މުހައްމަދު އެވެ. އަދި ޑްރާމާ ސިލްސިލާގެ މުޅި ރޯލަކުން މި ފަހުން ބައެއް ޑްރާމާތަކުން ފެނިގެންދާ ދޮނާވެސް ފެނިގެން ދެއެވެ.

ޑްރާމާގައި އެންމެ ފާހަގަކޮށްލެވީ ޖިމީ އާއި އީސަގެ ކެރެކްޓާއެވެ. ޑްރާމާ ބަލާ މީހުންގެ މެދުގައި އެ ދެ ތަރިންްގެ މަގުބޫލުކަން ވަރަށް ބޮޑެވެ. ހަގީގަތުގައިވެސް އެ ދެ ތަރިންގެ އެކްޓިން ވަރަށް ތަފާތެވެ. ވަރަށް މޮޅެވެ. ހުނަރުވެރިކަން ވަރަށް ބޮޑެވެ.

ޔޫއްޕެ ބުނީ ޖިމީ އާއި އީސަގެ ކެރެކްޓާ ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ކަަމަށެވެ.

"ޖިމީ އެއީ އައުޓްސްޓޭންޑިން ތަރިއެއް. ވަރަށް ޓައިމަށް ރަނގަޅު ހުނަރުވެރި އަދި އެހާމެ މޮޅު ތަރިއެއް. ވަރަށް އެކްސްޕީއަރަސް އެކްޓަރެއް. އެހެން ނަމަވެސް މިއީ ޖިމީގެ މުޅީން ތަފާތު ރޯލެއް. މި ރޯލުން ޖިމީއަކީ އާދަޔާ ހިލާފު މޮޅު ތަރިއެއްކަން ބުނެދޭ. ޖިމީއަކީ ސީންއަށް އޭނާގެ ހަރަކާތް ފަރިތަކޮށްގެން ކުޅޭ ތަރިއެއް. އޭނާގެ އެންމެ ހާއްސަ ކަމަކީ ކޮންޓިއުނިޓީ ހިފެހެއްޓުން،" ޔޫއްޕެ ބުންޏެވެ.

ޑްރާމާ ސިލްސިލާގައި ވަރަށް މުހިންމު ރޯލެއް މުޅީން އަލަށް މި ދާއިރާއަށް ނިކުތް އަންޝާމް ދީފައިވެއެވެ. އޭނާގެ ކެރެކްޓާއަކީ ޑްރާމާގައި ވަރަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދޭ ކެރެކްޓާއެކެވެ.

އަންޝާމް އަކީ ޓިކޮޓޮކްގައި މަޝްހޫރު ކަމެއް ހޯދާފައިވާ މީހެކެވެ. އަދި މެޑޮލް ކުރުމުގައިވެސް އޭނާގެ ވިދުން ގަދައެވެ.

"ވަރަށް ހުނަރުވެރި ކުއްޖެއް، ކެރޭ މޮޅު ކުއްޖެއް. ގިނަ ފުރުސަތުތަކެއް ލިބިއްޖެނަމަ ތަފާތު އެކްޓްރެސްއަކަށް އޭނަ ވާނެކަން ޔަގީން،" އަންޝާމްއާ ގުޅޭގޮތުން ޔޫއްޕެ ބުންޏެވެ.

"އަވައްޓެރިޔާ" ގެ ނުވަ އެޕިސޯޑް ގެނެސްދީފައިވާއިރު މި ސީރިޒް ދައްކަން ފެށީ މުޅީން ޝޫޓް ނުކޮށެވެ. އެހެން ކަމުން ބައެއް ހަފްތާތަކުގައި އާ ބައެއް ގެނެސް ދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.

ޔޫއްޕެ ބުނީ ކޮވިޑްގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޝޫޓިން ޑިލޭ ކުރަން ޖެހިފައިވާ ކަމަށެވެ. ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް އޮތީ ހުޅުމާލޭގައެވެ. ނަމަވެސް މިހާރު މާލެއިން ހުޅުމާލެއަށް ދިއުން ވަނީ މަނާކޮށްފައެވެ.

"ކޮވިޑް ފިޔަވަޅުތަކާއި ގުޅިގެން ޝޫޓީން ޑިލޭވީ. އެެހެންވީމަ ގަވާއިދުން ކޮންމެ ހޯމަ ދުވަހަކު ދެން ގެނެސްދޭން ދަތިވެދާނެ. ސީރީޒް މުޅީން ޝޫޓްނުކޮށް ފެށީވެސް މި ހާލަތުގައި ބެލުންތެރިންނަށް ޑްރާމާއެއް ގެނެސްދޭން ބޭނުންވާނީ. އެހެން ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުން މިވަގުތު ޝޫޓިން މަޑުވެފައި އޮތުމުން ޝެޑިއުލްއަށް ދެން ގެންދަން އުނދަގޫވެދާނެ. ނަމަވެސް މަސައްކަތް ކުރާނީ ކޮންމެ ހަފްތާއަކުވެސް އާ ބައެއް ގެނެސްދޭން،"

"އަވައްޓެރިޔާ" ގެ ކުރީން ޔޫއްޕެ ވަނީ ބައިސްކޯފުން "ހުވާކޮށްފައި ބުނަން" މި ނަމުގައިވެސް ޑްރާމާ ސިލްސިލާއެއް ގެނެސްދީފައެވެ. ފުރަތަމަ ސީޒަނަށް ފަހު މިހާރު ބްރޭކެއްގައި އޮތް ނަމަވެސް އޭނާގެ އުންމީދަކީ ތިން ސީޒަން ގެނެސްދީ ޑްރާމާ ސިލްސިލާ ފުރިހަމަ ކުރުމެވެ.

ސީޒަން ދޭއްވެސް ބައިސްކޯފުން ގެނެސްދޭން ވަނީ ނިންމާފައެވެ. ޔޫއްޕެ ނިންމާފައިވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން "ހުވާކޮށްފައި ބުނަން" ސީޒަން ދޭއްގެ ޝޫޓިން ފަށާށެވެ.

"ޝޫޓިން ފަށާތާ ދެ މަސް ދުވަސްތެރޭ ދެވަނަ ސީޒަން ގެނެސްދޭން ފަށާނަން އިރާދަކުރެއްވިއްޔާ،"