ފިނިޕޭޖް

ދަރިއަކު ލިބުމުން އަނީތާ އެކްޓްކުރުމާ ދުރަށް

ޓީވީ އަދި ބޮލީވުޑް ބަތަލާ އަނީތާ ހަސަނަންދާނީ އެކްޓް ކުރުމަށް އަލްވަދާއު ކިޔައިފި އެވެ. އޭނާ މިކަން އިއުލާން ކުރުމުން ފޭނުން ވަރަށް ދެރަވެގެން ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކޮށްފައި ވެއެވެ.

އިންޑިއާގެ ނޫހަކަށް އަނީތާ ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ދަރިއަކު ލިބުނީމަ އެކްޓް ކުރުން ހުއްޓާލަން އޭނާ މާ ކުރިއްސުރެ އޮތީ ނިންމާފަ އެވެ.

"ދަރިއަކު ލިބުނީމަ އެކްޓްކުރުން ހުއްޓާލާފައި ގޭގައި ހުރެގެން ހުރިހާ ވަގުތެއް ދަރިފުޅަށް ދޭން މާ ކުރިންސުރެ އަހަރެން ވަނީ ނިންމާފަ،" "ޔޭ ހޭ މުހައްބަތޭން" ގައި މުހިއްމު ރޯލެއް އަދާކުރި އަނީތާ ބުންޏެވެ.

އަނީތާ ބުނި ގޮތުގައި މިއީ ޕެންޑެމިކްގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ. ޕެންޑެމިކް ނެތް ނަމަވެސް އޭނާ ކަންތައް ކުރީހީ މިގޮތަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ދަރިއަކު ލިބެންދެނެވެ.

އަނީތާ ބުނި ގޮތުގައި އެކްޓު ކުރުމަކީ މިހާރު އޭނާގެ ވިސްނުމުގައި އެއްގޮތަކަށް ވެސް އޮތް ކަމެއް ނޫނެވެ. އަދި ދުވަހަކު ވެސް އަލުން އެކްޓް ކޮށްފާނެތޯ ނުވަތަ ނޫންތޯ ވެސް ބުނާކަށް މި ވަގުތު އަދި ބުނަން ނޭނގޭ ކަމަށެވެ.

"މިވަގުތު އަދި ގޭގައި ހުރެގެން ބައެއް މަސައްކަތް އެބަކުރަން. އެއީ ސޮއި ކޮށްފައިވާ ކޮންޓްރެކްޓްތަކުގެ މުއްދަތު ހަމަ ނުވާތީ. އެގޮތުން ގޭގައި ހުރެ ކުޅެވޭ ބައެއް އިޝްތިހާޜުތަކުގެ މަސައްކަތް މިހާރު އާންމުކޮށް ކުރަނީ. އެ މަސައްކަތްތައް ވެސް ކޮންޓްރެކްޓްތައް ނިމޭ ވަރަކަށް ދޫ ކުރަމުން ގެންދާނީ،" އަނީތާ ބުންޏެވެ.

މިހާރު 40 އަހަރު ފުރިފައިވާ އަނީތާއަށް ދަރިއަކު ލިބިފައި ވަނީ ކައިވެންޏަށް ހަތް އަހަރު ވީފަހުންނެވެ. ވީމާ މި އުމުރުގައި ލިބުނު ދަރިފުޅު އެހެން މީހަކާ ހަވާލު ކޮށްފައި ޝޫޓިންގްތަކަށް ދިއުމުގެ ވިސްނުމެއް އެއްގޮތަކަށް ވެސް އަނީތާ ނުގެންގުޅެ އެވެ.