އީޕީއޭ

ހުއްދަ ނެތި ރުއް ނަގާ ޝަކުވާ ލިބޭ: އީޕީއޭ

Jun 12, 2021
1

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ނުހޯދާ ބައެއް ރަށްރަށުން ރުއްގަސް ނަގައިގެން ރިސޯޓުތަކަށާއި އަލަށް ހިއްކާފައިވާ ބިންތަކުގައި އިންދަން ގެންދާ ކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރާ ގާނޫނުގައި ރުއް ނެގޭނީ އީޕީއޭގެ ހުއްދަ ލިބިގެނެވެ. އީޕީއޭ އިން ބުނީ ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދަ އަކަށް ރިއާޔަތްކޮށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ރުކާއި ގަސް ނަގައިގެން ގެންދާ ކަމަށެވެ.

އެގޮތަށް ރަށްރަށުން ރުއް ނަގައިގެން ގެންދާ ފަރާތްތަކުން އެކަން ކުރަނީ އެ އެޖެންސީގެ ހުއްދަ އޮވެގެންތޯ އެ ރަށްރަށުގެ ކައުންސިލުން ވެސް ބަލަން ވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

ރުއް ނަގަން ކައުންސިލްތަކުން ހުއްދަ ދޭއިރު ރުއް އިންދާ މަޝްރޫއެއްގެ އީއައިއޭ ޑިވިޝަން ސްޓޭޓްމެންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން އީޕީއޭ އިން ހުއްދަ ދީފައިވޭތޯ ބަލަން ޖެހެ އެވެ. އަދި އެ ހުއްދައިގައި ރަށަކުން ރުއްގަސް ނަގަން ދީފައިވާ އަދަދު ވެސް ބަލަން ޖެހެ އެވެ. މީގެ އިތުރުން ރުއްގަހާއެކު ރަށްރަށުން ކަޅު ފަސް ވެސް ބޭރު ކުރަން ޖެހޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

އެކަން ކަން ފުރިހަމަ ނުކޮށް ރުއް ނަގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.