މާލޭ ސިޓީ

މާލޭގެ ޖޭޕީގެ ކައުންސިލަރު ޔުމްނާ ޕީޕީއެމަށް ސޮއިކޮށްފި

Jun 12, 2021
4

މާލެ ސިޓީ ކައުންސިލަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިހާބުވި އައިމިނަތު ޔުމްނާ ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލަށް ޔުމްނީ ހޮވުނީ މާފަންނު އުތުރު ދާއިރާ އިންނެވެ.

ޔުމްނާ ޕީޕީއެމްއަށް ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު ޕީޕީއެމް އޮފީހުގަ އެވެ.

ޔުމްނާގެ ފޯމާ ހަވާލުވެވަޑައިގަތީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. އަބްދުﷲ މުއިއްޒާއި މާލޭގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ ސިޓީ ކައުންސިލްގައި ތިއްބަވަނީ މޭޔަރާއި އެކު ޖުމްލަ 19 ކައުންސިލަރުންނެވެ. މިއަދު ޕީޕީއެމަށް ސޮއި ކުރެއްވި ޔުމްނާއާއި އެކު ސިޓީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ ކައުންސިލަރުންގެ އަދަދު މިހާރު ވަނީ 13 އަށް އިތުރުވެފަ އެވެ.