އެލްޖީއޭ

އެމްޑީޕީ ބަލިކޮށް އެލްޖީއޭގެ ބޯޑަށް ޕީޕީއެމްގެ ޔާމީން

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލް ތަކުގެ ފަރާތުން ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު އިންތިހާބު ކޮށްފި އެވެ.

ހަނިގޮތަކަށް ޔާމީން މިއިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރަކާއި އަމިއްލަ ކައުންސިލަރަކާ ވާދަކުރައްވައިގެންނެވެ.

މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު އިންތިހާބުގައި ޔާމީނަށް 416 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އަށް ލިބުނީ 414 ވޯޓެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯދީ އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އިލްހާމް އެވެ. އޭނާ އަށް 21 ވޯޓު ލިބުނެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލް ތަކުގެ ފަރާތުން ކައުންސިލަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި 872 ރަށު ކައުންސިލަރަކު ވޯޓުލާފައިވެ އެވެ. މީގެތެރެއިން ތިން ވޯޓެއް ވަނީ ބާތިލްވެފަ އެވެ.

ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެފައި ތިބި އެމްޑީޕީގެ ކައުންސިލަރުންގެ އަދަދު ޕީޕީއެމްއަށް ވުރެ އިތުރު ނަމަވެސް އެމްޑީޕީގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓް ކުރި ހޯދުމާ ގުޅިގެން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި އެޕާޓީގެ ލީޑަޝިޕަށް ފާޑު ކިޔަމުންނެވެ.

އެލްޖީއޭ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ވެސް މިއަދު ވަނީ އިންތިހާބުވެފަ އެވެ. އޭނާއާ ވާދަކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އިސްމާއީލް އިންތިހާބު ކާމިޔާބު ކުރެއްވީ 24 ވޯޓުންނެވެ. މުއިއްޒަށް ލިބުނީ 21 ވޯޓެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިއިންތިހާބު ކުރިއަށް ދިޔައީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށް ގެންދިޔަ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ ހަމައެކަނި ކައުންސިލަރުންނަށެވެ.