އެލައިޑް އިންޝުއަރެންސް

ލޭ ހަދިޔާ ކުރުމަށް ހާއްސަ "ވިންދު" އެޕް ތައާރަފުކޮށްފި

މިދިޔަ އަހަރު، ކިކްސްޓާޓް ހެކަތަން ގައި އުފައްދައި އެއްވަނަ ހޯދި "ވިންދު" އެޕް ލޯންޗުކޮށްފި އެވެ. މި އެޕް ސްޕޮންސާކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސްއިންނެވެ.

މިއީ ލޭ ހަދިޔާ ކުރުމާއި ހޯދުމުގެ ހިދުމަތް ފަސޭހަ ކޮށްދޭން އުފެއްދި އެޕެކެޗެ. "ވިންދު" އެޕަކީ މިފަދަ ހިދުމަތެއް ދޭން ރާއްޖޭގައި މިހާތަނަށް ތައާރަފު ކުރި ފުރަތަމަ އެޕްލިކޭޝަން އެވެ.

އެލައިޑް އިންޝުއަރެންސްއިން ބުނީ މިފަދަ އެޕް ތަކަށް ރާއްޖެއިން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށާއި ހާއްސަކޮށް ޒުވާނުންގެ ފަރާތުން މިފަދަ އެޕްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ ޔަގީކަން އެބައޮތް ކަމަށެވެ. މި އެޕުން ލޭ ހަދިޔާކުރުމާއި ޑޯނަރުން ހަމަޖެއްސުމުގެ މަސައްކަތް ރާއްޖޭގައި ކުރާ މަދަނީ ޖަމިއްޔާތަކަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބި އެ ތަންތަނުގެ ހިދުމަތަށް ފައިދާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ވިންދު އެޕްލިކޭޝަނުގައި ރަޖިސްޓާ ވާން ބޭނުންނަމަ އެޕްގެ މެއިން ޕޭޖަށް ދާއިރު ފޯން ނަންބަރު ޖަހަން އިންނަ ގޮޅީގައި ނަންބަރު ޖެހުމުން ރަޖިސްޓާ ވާނެ އެވެ. އެއަށް ފަހު މީހާގެ އާންމު މައުލޫމާތުގެ އިތުރަށް ލޭގެ ގްރޫޕް ފަދަ މައުލޫމާތު ލިޔަން ޖެހޭ ގޮޅިތައް ފުރިހަމަ ކުރާށެވެ.

ލޭ ހޯދަން ބޭނުންވާ މީހަކު ނަމަ، ބޭނުންވާ ލޭގެ ގްރޫޕް ޖެހުމަށްފަހު ބޭނުން ލިއްސާކުރުމުން އެޕްގައި ރަޖިސްޓްރީވެފައިވާ ޑޯނަރުންނަށް ނޮޓިފިކޭޝަން ލިބޭނެ އެވެ.

މިހާރު ލޯންޗުކޮށްފައި ވަނީ "ވިންދު"ގެ އެންޑްރޮއިޑް އެޕްލިކޭޝަނެވެ. ނަމަވެސް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި އައިއޯއެސް އަށް މި އެޕް ނެރޭނެ ކަމަށް، އެޕް ތައްޔާރުކުރި މުހައްމަދު މާއިލް ރަޝީދު އަދި ނާއިލް އަބްދުﷲ ބުނެ އެވެ.