ރާއްޖެ ކުޅިވަރު

2015: ކުޅިވަރުގައި ސާއިދާއި ދަގަނޑޭގެ ނަން

Dec 30, 2015

2015 ވަނަ އަހަރު ކުޅިވަރުގެ މައިދާނުގައި އެންމެ ފާހަގަކުރެވުނު ކާމިޔާބެއް ހޯދީ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. ސެޕްޓެމްބަރު މަހު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެނޑް ގޭމްސް 100 މީޓަރު ދުވުމުގައި ވާދަކޮށް އޭނާ ވަނީ ރަންމެޑަލް ހާސިލްކޮށްފަ އެވެ. މިއީ ރާއްޖޭގެ އެތްލީޓަރު ވާޑަވެރި ކުޅިވަރެއްގައި ވާދަކޮށް، ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ކ. ގާފަރަށް އުފަން ސާއިދު ވަނީ އެ މުބާރާތުގެ 200 މީޓަރު ދުވުމުގައި ވާދަކޮށް، ރިހިމެޑަލް ވެސް ހޯދައިފަ އެވެ. އޭނާގެ މި ކާމިޔާބީގެ ސަބަބުން ކުޅިވަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމް ރައީސުލްޖުމުހޫރިއްޔާ ވަނީ ދެއްވަން ފައްޓަވައިފަ އެވެ. ސާއިދު މި ކާމިޔާބީ ހޯދީ އޮލިމްޕިކް ކޮމިޓީން ހޯދައިން ސްކޮލާޝިޕެއްގައި ހަތަރު އަހަރު ވަންދެން ޖެމެއަިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީނު ހެދުމަށްފަހު އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ވަނީ ޖުމުލަ އަށް މެޑަލް ހޯދައިފަ އެވެ. މިއީ ވެސް މީގެ ކުރިން ރާއްޖެ އަށް މުބާރާތަކުން މެޑަލް ލިބިފައިވާ އަދަދެއްނޫނެވެ. ދެން އެންމެ ފާހަގަކުރެވުނު ނަމަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމެވެ.

އުމުރުން މިހާރު 30 އަހަރުގެ ކުޅުންތެރިޔާއަކީ 2014 ވަނަ އަހަރުން ފެށިގެން މެލޭޝިޔާގެ ސުޕަ ލީގުގައި ކުޅެމުންދާ ކުޅުންތެރިއެކެވެ. އިންޑިޔާގައި ޑިސެމްބަރު 32 އިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތަށް ފަހު ގައުމީ ޖާޒީ ބާލަން އޭނާ ނިންމިއިރު ދަގަނޑޭ އަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖެ އަށް މި މުބާރާތް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ދަގަނޑޭ އެވެ.

ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 46 ލަނޑު ޖަހައިދީފަ އެވެ.

ގައުމީ މުބާރާތް އަތޮޅުތަކުގެ ތެރެއަށް

ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތަކީ 70ގެ މެދުތެރެއިން ފެށިގެން މާލޭގައި ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް 45 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މި މުބާރާތް ވަނީ 2015 ވަނަ އަހަރު އަތޮޅު ތެރޭގައި ބާއްވައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ވާދަކުރި މުބާރާތުގެ ގްރޫޕް އޭގެ މެޗުތައް ކުޅުނީ ހދ. ކުޅުދުއްފުށީގަ އެވެ. ނިއުރޭޑިއަންޓާއި ބީޖީ އަދި ޓީސީ އާއި މަހިބަދޫ ވާދަކުރި ގްރޫޕުން ސެމީ ފައިނަަލަށް ދިޔައީ ނިއު އާއި ޓީސީ އެވެ.

ވިކްޓަރީ އާއި ވެލެންސިއާ އަދި މާޒިޔާ އާއި އީގަލްސް ވާޑަކުރި ގްރޫޕް ބީގެ މެޗުތަކާއި ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުނީ އައްޑޫ ސިޓީގަ އެވެ. މި ގްރޫޕުން ސެމީ އަށް ދިޔައީ އީގަލްސް އާއި މާޒިޔާ އެވެ. މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ. މިއީ ރައީސުލްޖުމުހޫރިއްޔާގެ ވާދަައިގެ ތައްޓަށް ކުޅޭ މުބާރާތް އެ ޓީމު ކާމިޔާބު ކުރި ފުރަަތަމަ ފަހަރެވެ.

ގައުމީ މުބާރާތް އަތޮޅު ތެރޭގައި ބޭއްވީ މިނިވަން50ގެ ކުޅިވަރުތައް ބާއްވައިގެން ގަލޮޅު ދަނޑުގެ ވިނަގަނޑު އެއްކޮށް މަރުވުމުންނެވެ. އަދި ޑިސެމްބަރު މަހު ބާއްވާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ގައުމީ ޓީމަށް ހުރަސް އެޅިދާނެތީވެ ފުޓްބޯޅަ ސީޒަން ކުރުކޮށް، އެފްއޭކަޕް ވަނީ ނުބާއްވަން ނިންމައިފަ އެވެ.

ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރުން

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް އަހަރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑް ކުރީ ވެސް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގައި ޖޫން މަހު ފީފާގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކުރުމަށްފަހު ފެށީ ތަހުގީގުތަކަށް ފަހު ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރީ 2011 ވަނަ އަހަރު ބްލެޓާ ސޮއިކޮށް ޕްލެޓިނީ އަށް ދީފައިވާ 1.5 މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ.

މިއީ 2002 ވަނަ އަހަރު ކުރި މަސައްކަތެއްހެ އުޖޫރަކަމަށް މި ދެ ބޭފުޅުން ބުނަމުންދިޔަ ނަމަވެސް ފީފާގެ އެތިކްސް ކޮމިޓީން ނިންމީ މިއީ 2011 ވަނަ އަހަރު ބޭއްވި ފީފާގެ އިންތިހާބުގައި ޕްލެޓިނީ ވާދަކުރުން ހުއްޓުވަން ބްލެޓާ ދެއްވި ފައިސާ ކަމަށެވެ.

ބްލެޓާ ސަސްޕެންޑްކުރި އިރު އޭނާ އޮތީ ޖޫން މަހު ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަވެސް އިސްތިއުފާ ދެއްވަން ނިންމައި އަންނަ ފެބްރުއަރީ މަހު އާ އިންތިހާބެއް ބާއްވަން ނިންމައިފަ އެވެ. އެ އިންތިހާބަށް ޕްލެޓީނީ ކުރިމަތިލެއްވި ނަމަވެސް އޭނާ ޝަރުތުހަމަނުވާ ކަމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.

ފީފާގެ މި މައްސަލަގަނޑު އޮއްވައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ވެސް ވަނީ ދެ ފަހަރެއްގެ މަތީން ވެސް ބާއްވަން އުޅެ ނުބޭއްވިފަ އެވެ. އެއީ ފީފާއިން ފާސްކޮށްފައިވާ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ މައްސަލާގައި ސަރުކާރުން އެއްބާރުލުން ނުދިނުމުންނެވެ.

ނިއުރޭޑިއަންޓްގެ ކާމިޔާބު

އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ ކާމިޔާބު ކުލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެކުލަބުން ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަކު ދިވެހި ލީގު ކާމިޔާބުކޮށްފަ އެވެ. މިއީ މީގެ ކުރިން ވެލެންސިއާއިން ހޯދާފައިވާ ރެކޯޑާ ހަމަހަމަކުރުމެވެ. ހުސްވި ތިން އަހަރުގެ ގައުމީ ޗެމްޕިއަން ނިއު ވަނީ އެ މުބާރާތުގެ ފައިނަލުގައި ވެސް މި އަހަރު ވާދަކޮށްފަ އެވެ. ފައިނަލުގައި ނިއު ބަލިވީ މުޅިން އަލަށް ތަށި ހޯދި މާޒިޔާ އަތުންނެވެ. ނިއު ވަނީ މި ދެ މުބާރާތުގެ އިތުރުން މި އަހަރުގެ އެފްއޭކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.