ރިޕޯޓް

2015: ރައީސް ޔާމީން އަވަހާރަކޮށްލަން ރާވައި ހަމަލާދިން

ރައީސްގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެއްކޮށް ބަދަލުވެގެންދިޔަ ހާދިސާއަކަށެވެ. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފހު މާލެ ވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއް ގޮވައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. މެޑަމްގެ އިތުރުން މި ހާދިސާގައި ރައީސްގެ ޕްރޮޓޮކޯލް ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ) އަދި ރައީސްގެ ބޮޑީގާޑް މުހައްމަދު އަބްދުއް ނާސިރަށް އަނިޔާވެފައިވެއެވެ.

ހައްޔަރުކުރި މީހުން

ފިނިފެންމާގެ އެއްޗެއް ގޮވުމުގެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ވެސް ހައްޔަރުކޮށްފައިވަނީ، ސިފައިންގެ ތިން މީހެކެވެ. ހެކި ނައްތާލަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ. އެއީ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒާއި ސާޖަންޓް މޫސާ ޒަމީރާއި އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް އަހްމަދު ތިހާމްއެވެ.

ލޯންޗުކޮޅުގެ މުވައްޒަފުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައިވީނަމަވެސް އެއްވެސް މުވައްޒަފެއް މި މައްސަލާގައި ހައްޔަރުކޮށްފައެއް ނުވެއެވެ. ލޯންޗުކޮޅުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ޓީމަކާއި ސައުދީގެ ޓީމެއްގެ އިތުރުން އިންޑިއާ އަދި ލަންކާގެ ޓީމަކާ ގުޅިގެން ދިވެހި ފުލުހުންނެވެ.

ހެކި ނައްތާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ސިފައިންގެ އިތުރުން އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ) އިން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒު ވަނީ ސިފައިންގޭގައި ބަންދުކޮށްފައެވެ.

އެންމެ އިތުބާރުކުރި ނައިބު ރައީސްގެ އިތުބާރު ގެއްލުން

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ގައުމާ މުހާތަބުކުރެއްވީ އަދީބު ހައްޔަރުކުރެއްވުމަށްފަހުގައެވެ. އެއީ އޮކްޓޯބަރު 25 ވަނަ ދުވަހެވެ. ރައީސް ވިދާޅުވީ، އަދީބު ހައްޔަރުކުރަން ޖެހުނީ ތަހުގީގު ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެކަހެރިކުރަންޖެހޭ ކަމަށް ފެންނާތީ ކަމަށެވެ. ރައީސް ވަނީ އެންމެ އިތުބާރުކުރި އަދީބު ހައްޔަރުކުރަން ޖެހުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަދީބުގެ ނުފޫޒު ފުލުހުންގެ އިދާރާގައިވާ މިންވަރު ފެނުމުން ހައިރާންވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި މައްސަލައަށް އިތުރު ސަމާލުކަމެއް ލިބިގެންދިޔައީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތުހުމަތުތައް ކުރެވެން ފެށުމުންނެވެ. އެމަނިކުފާނާ އަރިސް އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ އެކި ފަހަރު މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ހައްޔަރުކޮށްފައެވެ. ޒިޔަތު ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ޒިޔަތު ހައްޔަރުކުރި ދުވަސް ނޫން އޭގެ އަނެއް ދުވަހު އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލެވުމަށްފަހު ރާއްޖެ ވަޑައިގަތުމާއެކު ވަނީ ހައްޔަރުކޮށްފައެވެ. އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެއާޕޯޓުންނެވެ. ހައްޔަރުކުރީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގަށެވެ. 

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު، ލޯންޗުކޮޅުގެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ ފިނިފެންމާ ލޯންޗުކޮޅު މައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރުގައި ތިބި 8 މީހަކު ހައްޔަރުކުރުމަށް ނޯޓިސް ނެރެފައެވެ. އެމީހުންނަކީ މުހަންމަދު އައްލާމް، މުހަންމަދު ހުސެއިން (އޮއިއްޓޭ)، މުހަންމަދު ވިޝާމް (ވިޝް)، އަޙުމަދު ފާތިހް، މުހަންމަދު އަސީލް އަޙުމަދު، އަހުމަދު އަޝްރަފު (ޝުމްބާގޮންގް) އަދި ހުސެއިން ސިނާން ގެ އިތުރުން އަހުމަދު އިޝްފާހު އަލީ އެވެ. މީގެތެރެއިން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ޝުމްބާގޮންގް އެކަންޏެވެ. މި 8 މީހުންނަކީ އަދީބާ ހާއްސަ ގުޅުންތަކެއް އޮންނަ 8 މީހުންނެވެ.

އަހުމަދު އަދީބު ބޮޑުބޭބެ ވިދާޅުވާ، މ. ޝޫރާ މަންޒިލް ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ވެސް ރައީސް ޔާމީންނަށް އިންޒާރު ދެއްވި މައްސަލައެއްގައި ތައިލެންޑްގައި ހުންނަކޮށް ވަނީ ހައްޔަރުކޮށްފައެވެ. މިހާރު ވެސް އޭނާ ހުރީ ހައްޔަރުގައެވެ.

ވަޒީފާއިން ދުރުކުރި ފަރާތްތައް

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެފަހުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އަދި ސީޕީ ހުސެއިން ވަހީދު ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. ސީޕީ ވަހީދުގެ އިތުރުން ވެސް ފުލުހުންގެ އިސް ގިނަ މަގާމުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވެސް އެމަގާމުން ވަކިކޮށްފައިވެއެވެ.

މީގެއިތުރުން ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިން ވެސް އެމަގާމުން ދުރުކުރީ މި މައްސަލަ ގަނޑުގެ ތެރޭގައެވެ. މުހުތާޒު ވަކިކުރުމަށްފަހު އޭރުގެ ނައިބު ރައީސް އަދީބު ވެސް ވަނީ ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައެވެ. މި ދެ ބޭފުޅުން މަގާމުން ދުރުކުރީ، ރައްޔިތުން މަޖިލީހުން އެކަމަށް ފާސްކޮށްގެންނެވެ.

މައްސަލައިގައި ހައްޔަރުކުރި ޒިޔަތާއި ޕާޕާ ވެސް ވަނީ އެ ފަރާތްތަކުން ފުރަމުން ގެންދެވި މަގާމުތަކުން ދުރުކޮށްފައެވެ. މީގެއިތުރުން ލޯންޗުކޮޅުގެ މައްސަލައިގައި ހޯދަން އިއުލާންކުރި މުހައްމަދު އަސީލު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން ދުރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އޮފީހުގެ ޕަބްލިކް އެފެއާޒް ކޯޑިނޭޓަރ އައިޝަތު ލީޒާ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ތެމާ ޝިޔާމް އާއި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

ހަތިޔާރު ފެނުން

ފިނިފެންމާ މައްސަލައާ ގުޅިގެން އޭރުގެ ނައިބު ރައީސް އަދީބާ ގުޅުންހުރި ގެތަކާއި އޮފީސްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ވަނީ ހަތިޔާރު ފެނިފައެވެ. ބައެއް ހަތިޔާރުތައް މާލޭގެ ގެތަކުން ވެސް ފެނިފައިވެއެވެ. ސަލާމަތީ ބާރުތަކުން ވަނީ މާލޭގެ ގިނަ ގެތަކެއް ބަލައިފާސްކޮށްފައެވެ. އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން މއ.ގޯލްޑަންބީމްއިން ބަޑިއެއް ފެނުނު މައްސަލައިގައި ވެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން ވެސް ގެތައް ބަލައި ފާސްކޮށް ބައެއް ތަކެތި ސަލާމަތީ ބާރުގެ ދަށަށް ގެންގޮސް މީހުން ހައްޔަރުކޮށްފައިވެއެވެ.

އެންމެ ގިނަ ހަތިޔާރުތަކެއް އެއްތަނަކުން ފެނިފައިވަނީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބ.ހިބަޅިދޫއިންނެވެ. އެ ރަށުން ފެނުނު ހަތިޔާރުގެ ތެރޭގައި އޭކޭ ސީރީޒްގެ ބަޑި އަކާއި، ފިސްތޯލަ އެއްގެ އިތުރުން ރައިފްލް އަކާޢި އެތަކެއްޗަށް ލެއްވުމަށް ގެންގުޅޭ ވަޒަންވެސް ހިމެނެއެވެ. މި ހަތިޔާރު ތަކަކީ ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުން ދިން މަޢުލޫމާތާއި، ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އަތުލައިގަނެވިފައިވާ ތަކެއްޗެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން

ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތިޔާރު ފެންނަމުންދާތީ، 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ 10 ނޮވެމްބަރުގައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އޭރުގެ ނައިބު ރައީސް މަގާމުން ދުރުކޮށްފައިވާއިރު އެމަނިކުފާނާ ގުޅުންހުރި ގިނަ ތަންތަނެއް ބަލައިފާސްކޮށްފައިވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެއަށް ބޭރު ދުނިޔޭގެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔައެވެ. އަދި އެ ހާލަތު އުވާލުމަށް ގިނަ ގައުމުތަކުން ގޮވާލިއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމުގެ ތެރޭގައި އެހެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިނިފެންމާ މައްސަލައިގައި ހައްޔަރުކުރި ބައެއް ފަރާތްތަކަށް މިހާރު ވަނީ އެކި ދައުވާތައް ވެސް ކޮށްފައެވެ. ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެއެވެ.