ރައީސް މުހައްމަދު ނަޝީދު

2015: ރައީސް ނަޝީދު 13 އަހަރަށް ޖަލަށް، އެއާއެކު އެތައް މައްސަލައެއް

އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގަވައިދާ ހިލާފަށް އެކަހެރިކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން 23 ފެބްރުއަރީގައި ފެށީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާ ނުލައެވެ. އަވަސް ޝަރީއަތެއްކޮށް ހުކުމް ކޮށްފައިވަނި މާޗް 13ގައެވެ.

ރައީސް ނަޝީދު ޖަލަށްލުން ވެގެން ދިޔައީ ސިޔާސީ ގޮތުން ހަމަޖެހުން ލިބިފައިއޮތްވާ އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓުނު ކަމަކަށެވެ. އެމަނިކުފާނު ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުމެ ބޮޑެތި މުޒާހަރާތަކެއް ކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާފައިވެއެވެ. އަދި ބޭރުގެ ޖަމިއްޔާތަކާއި ބައެއް ގައުމުތަކުން ވެސް ވަނީ ނަޝީދު ދޫކޮށްލުމަށް ގޮވާލާފައެވެ. އދ.ގެ ވޯކިން ގުރޫޕުން ވެސް ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި ގަރާރެއް ނެރެފައެވެ. ހަމައެގޮތަށް އެފަދަ ގަރާރެއް އީޔޫއިން ވެސް ނެރެފައިވެއެވެ. ނަމަވެސް ގަރާރުތަކަށާއި ގޮވާލުންތަކަށް ސަރުކާރުން ދިން ޖަވާބަކީ ރައީސް ނަޝީދު ޝަރުއީ ހައްލެއް ހޯދުމަށް އިސްތިއުނާފު ކުރުމަށެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ބޭނުންވެލެއްވީ ސިޔާސީ ހައްލެކެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ ގޮތް ދޫކުރައްވާ ޝަރުއީ ހައްލެއް ހޯދުމަށް ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމުގެ ބައެއް ނުކުތާތައް

ޝަރީއަތަށް ހުށަހެޅި ސީޓީތަކަށް ބަލާއިރު އަބްދުﷲ ގާޒީ ގަދަކަމުން ސިފައިންގެ ބެލުމުގެ ދަށުން ކ. ގިރިފުއްޓަށް ގެންގޮސްފައި ވަނީ ނަޝީދުގެ އެނގުމާއި ފެނުމުގެ ތެރެއިން ކަން އަދި އެކަން ކުރީ ނަޝީދުގެ އަމުރަށްކަން އެނގޭކަން

އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމުރުތައް ނެރުމުން ސިފައިން އެ އަމުރުތަކަށް ތަބާވެފައި ނުވަނީ އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދުގެ ކިބައިގައި ގާޒީ ދޫކޮށްލުމުގެ ނިޔަތެއް ނެތުމުންކަން މި މައްސަލާގައި ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު އެނގެން އޮންނަކަން

އަބްދުﷲ ގާޒީ ދޫކޮށްލުމަށް ބައިނަލްއަގުވާމީ އެކި އިދާރާތަކުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެންގި އެންގުމުންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމުރު ނެރުމުން ފާޅުގައި އެ އަމުރުތަކަށް ނަޝީދު ގޮންޖައްސަވައި، ވާހަކަދައްކާފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކުން އެނގޭކަން

އަބްދުﷲ ގާޒީ ގަދަކަމުން ފޮރުވައި ގާނޫނީ ނިޒާމުން ގެއްލުވާލުމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެކަމީ މި މައްސަލާގައި ޝަރީއަތަށް ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު ދެބަސްވެވެން ނެތް ކަމެއްކަން

ނަޝީދުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއްގައި ވައްކަމުގެ މައްސަލައަކާއި ދޮގު މައުލޫމާތު ދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާކަން އެމަނިކުފާނުގެ ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮންނަކަން

ބަންދުގެ ހުންނަވަނިކޮށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް ނަޝީދު އެދިވަޑައިގަތުމުން، ވަކީލުން ހަމަޖެއްސެވި ކަމަށާއި އެ ވަކީލުން އެމަނިކުފާނުގެ ޝަރީއަތުން ތަނާޒުލްވުމުން ބަންދުގައި ހުރެގެން ވަކީލަކު އަލުން ހަމަޖެއްސުމުގެ ފުރުސަތު ކޯޓުން ދީފައިވާކަން

ހައިކޯޓު މަރުހަލާ

ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދައުލަތުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ.

ސުޕްރީމް ކޯޓު މަރުހަލާ

ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފުކުރީ ދައުލަތުގެ ފަރާތުންނެވެ. ނަމަވެސް އެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އެދިވަޑައިގެން އެމަނިކުފާނުގެ މައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައާމެދު ސްޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

އިސްތިއުނާފުގެ މަރުހަލާގައި އދ. ގެ ނިންމުމަށް ރިޔާއަތްކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިސްތިއުނާފަށް ދިއުމަށް ނިންމި ނިންމުމަށް ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި ގާނޫނީ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާ ގާނޫނުލް އުގޫބާތުގެ ތެރެއަށް ނަޝީދުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ދައުވާ ބަދަލު ކުރުމަށް ކަމަށެވެ. އެ ގޮތަށް ދައުވާ ބަދަލުކޮށްފި ނަމަ، ނަޝީދުގެ މައްޗަށް އަންނާނީ ހަތަރު މަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ އެހެން ދެ މައްސަލައެއް ކޯޓަށް

އދ އިން ނިންމި ނިންމުން ތަންފީޒުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ސިވިލް ކޯޓަށް ޑިސެމްބަރު މަހުގެ ތެރޭގައިވަނީ މައްސަލައެއް ވައްދާފައެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމަށް އަމަލު ކުރުމަށް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް އެދިފައިވެ އެވެ.

މި މައްސަލައިގެ އިތުރުން ހައިކޯޓަށް ވެސް ނަޝީދު ފަރާތުން ވަނީ މައްސަލައެއް ވައްދައިފަ އެވެ. އެއީ ނަޝީދު ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލަ އެކެވެ. މި މައްސަލައަކީ މީގެ ކުރިން ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅަކަށް ވާތީ، ގައިދީއަކު ޖަލަށް ގެންދިއުމަކީ މައްސަލައެއް ކަމަށް ނުވާތީ އެވެ.

މި މައްސަލާގައި ބުނެފައިވަނީ ގޭ ބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނުން ލިޔުން ދިނުމަށްފަހު ރައީސް ނަޝީދު މިހާރު ޖަލުގައި ހައްޔަރުކޮށްފައިވަނީ ޣައިރު ގާނޫނީ ގޮތަކަށް ކަމަށް ވާތީ އެމަނިކުފާނު ދޫކޮށްލުމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނެވެ. ނަމަވެސް އެގޮތަށް ކޯޓުން މައްސަލަ ބަލައިނުގަަތުމުން މިއަދު ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސީދާ ރައީސް ނަޝީދުގެ ފަރާތުންނެވެ.