ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު ހިޔާނާތް: ޑުބާއީގެ ވަކީލުން ހޯދަނީ

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގައި ޑުބާއީގެ ކުންފުންޏެއް ހިމެނޭތީ ޑުބާއީގެ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ލޯޔަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި މައްސަލައިގައި ޑުބާއީގެ ކުންފުންޏެއް ހިމެނޭތީ ޑުބާއީގެ ލޯޔަރުން ހޯދުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

"އެމަސައްކަތް ކުރިއަށް އެބަދޭ. މަސައްކަތަކަށް ހުއްޓުމެއް ނާދޭ. ކޮންމެވެސް ވަރަކަށް ދިގުލައިގެން ހިނގައިދާނެ. ކުރިއަށް އޮތްތާ ދިގުލައިގެންދާ ވާހަކައެއް ނޫން. ކުރިންވެސް މިވާހަކަ ދައްކާފައި އޮތީމަ،" މިއުވާން ވިދާޅުވި އެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ.

އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަންވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ. އެކަމަކު މިހާތަނަށްވެސް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައެއް ނުވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ.