ހަބަރު

ކުޑަހުވަދޫ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

Jan 28, 2015

ދ. ކުޑަހުވަދޫ ޒުވާނަކު ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދަން ފަށައިފި އެވެ. ގެއްލިފައި ވަނީ އެ ރަށު ހިރިނާދޫ، ޢަބްދުﷲ މާއީލް 24 އެވެ.

ފުލުހުން ބުނީ މާއީލް ވީތަނެއް ނޭނގި ގެއްލިފައި ވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރުން ފެށިގެން ކަމަށާއި އޭނާ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ 6:30 ގައި ކަމަށެވެ.

މާއީލް އެންމެ ފަހުން ފެނިފައިވަނީ އޭނާ މަސައްކަތްކުރާ ރަށް ކަމަށްވާ ށ. ފިރުނބައިދޫ އިން ފުރުމަށްޓަކައި ދަބަސް ހިފައިގެން އެ ރަށު އަތިރިމައްޗަށް ނުކުމެ ހުއްޓަ އެވެ. އޭރު އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި މަޑު މުށި ކުލައިގެ ޖީންސެއް ލައިގެންނެވެ. އަދި މާއީލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކި ޒުވާނެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ށ. ޅައިމަގުގެ އާންމުން ދަނީކުރަމުންނެވެ.

މާއީލް ގެއްލިގެން ހޯދަން ފެށި އިރު މިދިއަ އަހަރުގެ އޯގަސްޓްމަހުގެ 8 ވަނަ ދުވަހު ގެއްލުނު ނޫސްވެރިޔާ އަހުމްދު ރިލްވާން އަބްދުﷲ އަދިވެސް ނުފެނެ އެވެ.