މީހުން

ފުރަތަމަ ގަތީ ލަދު، މިހާރު އެއީ ދިރިއުޅުން!

މި ޒަމާނުގެ ލަވަކިޔުންތެރިއެއްގެ ވާހަކަ ފަށައިފި ނަމަ މި އުޅޭ ދިވެހިން ބުނާނެތެވެ. އެއީ ދެން މިއުޒިކް ހެއްޔެވެ؟ އެއީ ލަވަކިޔުންތެރިއެއް ހެއްޔެވެ؟ ބަރުގޮނަކުން ބަރުގޮނު އެޅިޔަސް އެއަށް ވުރެ ރީއްޗަށް ލަވަކީ ކަމުގައި ވާނެ އެވެ.

އެހެންވީމަ މިހާރުގެ ދިވެހި، ޒުވާން މިއުޒީޝަނުން އެންމެ ފޯރީގައި ކުޅޭ މެޓަލް ނުވަތަ ރޮކް މިއުޒިކަށް ޝައުގުވެރިނުވާ ދިވެހިން ކޮންމެހެން ވެސް އަޑުއަހާލަން ޖެހޭ އެހެން ލަވަކިޔުންތެރިޔަކު ރާއްޖޭގެ މިއުޒިކީ އުދަރެހުގައި މިހާރު ފިޔަޖަހަމުން އެބަ ގެންދެ އެވެ.

އެ ލަވަކިޔުންތެރިޔަކީ މޫޝާން މުބާރަކެވެ. ފަހަރެއްގައި ދިވެހި ލަވައާއި މިއުޒިކަށް ފޯރިކުޑަވެފައިވާ މި ޒަމާނުގައި މި ނަން އެހާ މަޝްހޫރު ނަމަކަށް ނުވެދާނެ އެވެ.

އެހެންވީމަ، ތިރީގައި މި އޮތީ އޭނާގެ ވާހަކަ އެވެ.

ކާމިޔާބު ލަވަކިޔުންތެރިޔަކަށް ވުމަކީ ފަސޭހަކަމެއް ނޫނެވެ. އަމުދުން މި ރާއްޖޭގައި، މިއުޒިކް ކުޅެ ލަވަކިޔައިގެން ދިރިއުޅުމަށް އާމްދަނީއެއް ހޯދުމަކީ ވެސް މިހާރު ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގެ މިއުޒިކްގެ މައި މާރުކޭޓަކަށް ރިސޯޓްތައް ބަދަލުވެފައިވާއިރު އެ ދާއިރާގެ ވާދަވެރި މާހައުލުން ޖާގައެއް ހޯދައި އެ ޖާގަ އަމިއްލަކުރުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.

މޫޝާން ނުވަތަ މުއްމުގެ މިއުޒިކް ކެރިއަރު އެހެން ފަންނާނުންނާ ތަފާތުވަނީ މިހުރިހާ ގޮންޖެހުންތަކެއް ކަޑައްތުކޮށް ކާމިޔާބީއާ ހަމަ އަށް ވާސިލުވުމަށް އޭނާ މަސައްކަތްކުރި ގޮތުންނެވެ.

އެއްއިރެއްގައި އޭނާ އަކީ މަގުމަތީގައި، ފާރުބުރި މަތީގައި ރައްޓެހިންނާ އެކު ގިޓާކުޅެން އެނގޭ ކަމަށް ހެދިގެން އުޅުނު ޒުވާނެކެވެ. މިއަދު އޭނާ އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ދިވެހިން ތަމްސީލުކޮށް ފަހުރުވެރިކޮށްދެމުން އަންނަ ހުނަރުވެރި މިއުޒީޝަނެކެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލު، ހިތްހައިމު އަޑެއްގެ ވެރިއެއް ވެސް މެ އެވެ. ނަމަވެސް އެންމެކުރިން އޭނާގެ މި ހުނަރުވެރިކަން އޮތީ "ލަދުރަކި ހިނިތުންވުމެއްގެ" ގެ ދަށުގައި ފޮރުވިފަ އެވެ.

މޫޝާން އަކީ ސްޓޭޖު ފްރައިޓް ނުވަތަ އާންމުންގެ ތެރެއަށް ނުކުމެ ޕާފޯމްކުރުމަށް އެންމެ ފުރަތަމަ ނިކަން ބިރުގަތް ފަންނާނެކެވެ. ދަރިވަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ލަވަކިޔަން ސްޓޭޖަކަށް އަރައި ހުއްޓައި ނުފެނުނު މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ.

ޖަމާލުއްދީނު ސްކޫލާއި މަޖީދިއްޔާގައި އުޅުނުއިރު ވެސް ލަވަކިޔަން ލިބުނު ފުރުސަތަށް އޭނާ ފިލީ އެވެ.

"މަންމަމެން ވެސް ވަރަށް އުޅުނު ލަވަކިޔުން ކަހަލަ މުބާރާތްތަކުގައި ބައިވެރިކުރުވަން. އޭރު މަޖީދިއްޔާގައި އުޅުނުއިރު ވެސް. އޮޑިޝަނަށް ގޮވީމަ ދާނަމޭ ކިޔާފައި އަޅުގަނޑު ހަދާގޮތަކީ އެންމެފަހު ވަގުތު ފިލަނީ،" މޫޝާން ކިޔާލަ ދިނެވެ.

ކޮންމެއަކަސް އޭނާގެ ބެލެނިވެރިންނާއި ސްކޫލްގެ އެހެން ފަރާތްތަކުން ބާރު އަޅައިގެން ވެސް އޭރު އޭނާއަކަށް ލަވަކިޔާކަށް ނުކެރުނެވެ. ނަމަވެސް ކުޅަދާނަ ލަވަކިޔުންތެރިޔަކަށް ވެވިދާނެ ކަމުގެ ގާބިލުކަން އޭނާގެ ކިބައިން އޭރު ވެސް ފެންނަން ހުއްޓެވެ.

އެއްގޮތަކަށް ވެސް ލަވަކިޔުންތެރިންގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާތީ އާއިލާގެ އެހެން މެމްބަރުން ފަދައިން އޭނާ ލަވަކިޔަން މޮޅީކީއެއް ނޫނެވެ. އައްޑު އަތޮޅަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާ ބުނަނީ މިއުޒިކާއި ލަވަކިޔުމާ ބެހޭ ގޮތުން ދަސްކުރި ހުރިހާ އެއްޗެއް އަދި ކަމެއް ވެސް ދަސްކުރީ އަމިއްލަ މަސައްކަތުން ކަމަށެވެ.

އަނެއްކޮޅުން އޭނާގެ އާއިލާ އަކީ ލަވަކިޔުންތެރިން އުފައްދާފައިވާ މަޝްހޫރު އާއިލާއެއް ވެސް ނޫނެވެ. މޫޝާން އަކީ މި އާއިލާގެ ހަމައެކަނި "ލަވަކިޔުންތެރިޔާ" އެވެ.

ކޮންމެއަކަސް އާންމުންގެ ތެރޭގައި ލަވަކިޔަން ކިތަންމެ ލަދު ގަތަސް އޭނާ އަކީ ރައްޓެހިންނާއި އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ލަވަކިޔަން އެއްގޮތަކަށް ވެސް ފަސްޖެހުނު މީހެއް ނޫނެވެ.

މީހެއްގެ އަތުން ގިޓާއެއް ހޯދައިގެން އައިސް މޫޝާންގެ ބައްޕަ އޭނާ އަށް އެ ގިޓާ ދިނީ ވެސް އޭނާގެ ކިބައިން ފެނުނު މި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ބައްޕަ އޭނާ އަށް ގެނެސްދިނީ ވިންޓޭޖު ބްރޭންޑްގެ އެކޯސްޓިކް ގިޓާއެކެވެ.

އެ ގިޓާ ހިފައިގެން ގޮސް ރައްޓެހި ކުދިންނާ އެކު އޭނާ ގިޓާކުޅެން ފާރުބުރިއެއްގަ އެވެ.

"އެންމެ ފުރަތަމަ ގިޓާއެއްގައި ހިފާލަން ނުވަތަ އޭގެ މިއުޒިކް ކުޅެލަން ލިބުނު ދުވަހު ނޭނގުނު ވީ ގޮތެއް ވެސް. ހިތަށް އެރީ މި އިންސްޓްރުމެންޓުން މީހުން އެހާ މޮޅަށް މިއުޒިކް ކުޅެނީ ކިހިނެތް ހެއްޔޭ؟ އެހާ ރީތި އަޑުއަޑު ގިޓާއިން ނެރެނީ ކިހިނެތް ހަދައިގެން ހެއްޔޭ،" މިއީ އަތަށް ގިޓާއެއް ހެޔޮވަރުކޮށްލަން ލިބުނު އަލަތު ތަޖުރިބާއިން މޫޝާނަށް ކުރެވުނު އިހްސާސެވެ.

ޕާލް ޖޭމްގެ "ލާސްޓް ކިސް" އާއި އޭރުގެ މަޝްހޫރު ދިވެހި ބޭންޑް "އިލްސައިޓް" ގެ "އެހީލުން" ފަދަ ލަވަތަކަކީ އެކުގައި އުޅުނު އެހެން އެކުވެރިން ފަދައިން މޫޝާން ވެސް އެންމެ ފުރަތަމަ ދަސްކުރި ލަވަތަކެވެ.

"މިއުޒިކް ކުޅޭ މީހަކަށްވުމުގެ ހިޔާލެއް އޭރަކު އެއްވެސް ވަރަކަށް ނެތް. އަނެއްކޮޅުން ސްކޫލް ނިންމާލާފައި އަޅުގަނޑު ކިޔެވީ ވެސް އައިޓީ ދާއިރާއިން،" މޫޝާން ބުންޏެވެ.

ނަމަވެސް މަޖަލަކަށް ކުޅުނު ރާގު ހަޔާތުގެ ރަސްމީ ލަވައަށް އެންމެފަހުން ބަދަލުވީ އެވެ. އޭނާ އަށް މަންމަމެން ދިން ނަސޭހަތުގެ ރާގު ބަދަލުވީ ވެސް އެހިސާބުންނެވެ.

ސްކޫލްގައި ކިޔަވަން އުޅުނުއިރު މޫޝާން ލައްވައި ލަވަކިޔުއްވަން އޭނާގެ މަންމަމެން ބޭނުންވިޔަސް ސްކޫލް ނިންމާލާފައި، އޭރު ނުލިބުނު ހިތްވަރު ހިފައިގެން މިއުޒިކްގެ ދާއިރާ އަށް މިސްރާބު ޖެހުމުން އާއިލާގެ މީހުން ހިތްހަމައެއް ނުޖެހުނެވެ. ރާއްޖޭގައި މިއުޒިކް ކުޅޭނީ "ލާޗާރުބިޗާރުން" ނެވެ. ގިނަ ދިވެހިން ފަދައިން މޫޝާންގެ މަންމަމެން ވެސް އެންމެ ފުރަތަމަ ވިސްނީ މިހެންނެވެ.

"އެހެންވީމަ މިއުޒިކް ކުޅެން އަޅުގަނޑު ނުކުތީ އަޒުމަކާ އެކު. އެއީ ދިވެހި މިއުޒީޝަނުންނާ މެދު ދިވެހިން ދެކޭ ގޮތް ބަދަލުކުރަން އަޒުމްކަނޑައަޅައިގެން. މިއުޒިކް ކުޅެނީ އަދާކުރާނެ ވަޒީފާއެއް ނުލިބޭ، ކަމެއް ނެތިފައި ތިބޭ މީހުންނޭ ދިވެހިން އެ ބުނާ ބުނުން، ދިވެހިންގެ އެ ވިސްނުން ބަދަލުކުރަން އަޅުގަނޑު ގިޓާ ނަގައިގެން މިއުޒިކް ކުޅެން ނުކުތީ،" މޫޝާން ކިޔައިދިނެވެ.

އޭނާ އަށް ކުރިމަތިވި ފުރަތަމަ ގޮންޖެހުމަކީ މަންމަމެންގެ ވިސްނުން ބަދަލުކޮށްލެވޭ ވަރުގެ ރާގެއް ކުޅުމުގެ ޗެލެންޖެވެ. އެ ރާގު އޭނާ އެކި ގޮތްގޮތަށް ކުޅެމުން ގޮސް އޭނާގެ މަންމަމެންނަށް ކަމުދާވަރު ކުރެވުނީ ހަތަރު އަހަރުންނެވެ.

"ސްކޫލް ނިންމާލާފައި މިއުޒިކް ކުޅެން ފެށުމުން މަންމަމެން ބުނަން ފެށީ ވަޒީފާއަކަށް ދާކަށް ނުވޭ ހެއްޔޭ. ތިނުން ކަމެއް ކުރަންވީ ނޫން ހެއްޔޭ ދެން. ތިއީ ކޮން ކަމެއް ހެއްޔޭ؟ މިއުޒިކް ކުޅުމަކީ ވަޒީފާއެއް ހެއްޔޭ؟ މިއުޒިކް ކުޅެގެން ލާރި ބިޔޭ ހެއްޔޭ؟،" މޫޝާން ބުންޏެވެ.

"މިއީ ވެސް އާމްދަނީއެއް ހޯދަން ރަނގަޅު ކަމެއްކަން މަންމަމެންނަށް ކޮންވީންސްކޮށްދޭން ހަތަރު އަހަރު ނެގި."

"މިއުޒިކް ކުޅެގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ. ވަޒީފާއެއް އަދާކުރާ ކަމަކަށް ވަނީ ހެނދުނު ހޭލައިގެން ޓައީ އަޅައިގެން އަށެއް ޖަހާއިރަށް އޮފީހަށް ދިއުމަކުން އެކަންޏެއް ނޫން،" ހެނދުނު ހޭލައިގެން ރިސޯޓްތަކުގައި މުޅި ހަފުތާ އެކުގައި ގަވާއިދުން މިއުޒިކް ކުޅޭ މި ޒުވާނާ ބުނީ މިހެންނެވެ.

އޭނާގެ މި ދިރިއުޅުމަށް މިހާރު 10 އަހަރުވަނީ އެވެ. މޫޝާން ބުނަނީ މިވަރުގެ ކަމެއް އޭނާގެ ހަޔާތުގައި ކުރިން ދިމާނުވާ ކަމަށެވެ.

ކިތަންމެ ގިނަ ބަޔަކު އެއްވެފައި އޮތް ތަނަކަށް ނުކުމެ ލަވަކިޔާކަށް ވެސް އޭނާ މިހާރު ފަހެއް ނުޖެހެ އެވެ. މިއީ މިހާރު އޭނާގެ ރަސްމީ ވަޒީފާ އެވެ. އެކަމަކު އޭނާގެ ހިޔާލު އަދިވެސް ތަފާތެވެ.

"ޖޮބެއްގެ ގޮތުގައެއް ނުބަލަން އަދިވެސް މިއުޒިކް ކުޅުން. އެއީ މިއުޒީޝަނެއްގެ ގޮތުގައި އަޅުގަނޑު ދައްކަން ޖެހޭ ކޮލިޓީ ގެއްލިދާނެތީ. ހަމައެކަނި އާމްދަނީއެއް ހޯދަން މިއުޒިކް ކުޅޭ ނަމަ މީތި ބެލެސްއެއް ނުވާނެ. އެހެންވީމަ އަޅުގަނޑު މަސައްކަތްކުރަނީ ޕެޝަން ވެސް ކުރިއަށް ނެރެގެން،" މޫޝާން ބުނީ މިހެންނެވެ.

ދެން ކުރިއަށް އޮތީ އޭނާގެ އަމިއްލަ ރާގުގެ ލަވަތަކަށް ހާއްސަކޮށްފައިވާ އަލްބަމެކެވެ. އޭގެ ފުރަތަމަ ސިންގަލް "ރީތިކަން" އަންނަ މަހު ނެރުމަށް އޭނާ ދަނީ ވީޑިއޯ ލަވައެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

"އަލްބަމްގެ ހަމައެކަނި ޓާގެޓަކީ ދިވެހިންނެއް ނޫން. އަދި ގިނަ ލާރިތަކެއް ހޯދާކަށް ވެސް ނޫން މި އަލްބަމް ނެރެނީ. ސެލްފް ޕްރޮމޯޝަނަކަށް މި އަލްބަމް ހަދަނީ ބޮޑަށް. އެއީ ރިސޯޓްތަކުގައި ކުޅޭއިރު ވެސް އިތުރު ޕްރޮމޯޝަނެއް ލިބޭނެތީ،" މޫޝާން ބުންޏެވެ.

"މިއުޒިކަކީ ޔުނިވާސަލް ލެންގުއޭޖެއް. އެހެންވީމަ ދިވެހިބަހުން ލަވަ ހަދައިގެން ނެރުނަސް ހަމަ ދިވެހިން ނޫން ބަޔަކަށް ވެސް ކަމުގޮސްދާނެ."