ރިޕޯޓް

ނިހާނުގެ ކުލަ އަނެއްކާވެސް ބަދަލުވެއްޖެ!

އެ ބޭފުޅާގެ ބޮލުގެ ކުލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރައްވާހެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ޕީޕީއެމްގެ އަހުމަދު ނިހާނުގެ ކުލަ ބަދަލުނުވިޔަސް އެ ބޭފުޅާގެ ބޮލުގެ ކުލަ، މެމްބަރެއްގެ ސިޔާސީ ކުލައިގެ ދަރަޖައަށް މިހާރު ވެއްޓިއްޖެ އެވެ.

ސިޔާސީ ގޮތުން ނިހާނަކީ ކުލަ ބަދަލުވާނެ ފަރާތެއް ނޫން ކަމަށް މީހުން ބުނެ އެވެ. މި މައިދާނަށް ވަދެ ވަޑައިގެންނެވީއްސުރެ ނިހާނުގެ ކިބައިން ފެންނަނީ އަބަދުވެސް އެއް ކުލަ އެކެވެ.

އެ ކުލަޔަށް ކިޔަނީ މައުމޫނެވެ.

ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ. ނިހާނު އަނެއްކާވެސް ބޮލުގެ ކުލަ ބަދަލުކޮށް ލައްވައިފި އެވެ. ކުލަ ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ނިހާނުގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވިއިރު ވެސް ބޯ ވަނީ ގާތްގަނޑަކަށް އެއްކޮށް ހުދުވެފަ އެވެ. އެ ބޭފުޅާގެ އުމުރުން 29 އަހަރުން ފެށިގެން ނިކަން ގަދަ އަށް ބޮލުގައި ނުރަޖަހަން ފެށީ އެވެ.

އެ ހިސާބުން ފެށިގެން ނިހާން އުޅުއްވީ ބޮލުގައި ކަޅު ކުލަ ޖައްސައިގެން ނުރަތައް ފޮރުވައިގެންނެވެ. ނިހާނަކީ ނިކަން މޮޅު ކުރެހުންތެރިއެއް ވެސްމެ އެވެ. އެ ބޭފުޅާގެ ބޮލަކީ ނުރަ ބޮލެއްކަން ސިޔާސީ މައިދާނުގައި އެކުގައި އުޅުއްވި ގިނަ ފަރާތްތަކަށް ވެސް އިހަކާ ޖެހެން ދެން ނޭނގި އޮތީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. 

ކޮންމެއަކަސް ގަވާއިދުން ކަޅުކުރެއްވި ބޮލުގެ އިސްތަށިގަނޑު މިދިޔަ އަހަރުގެ ފަހުކޮޅު ކޮށާލެއްވުމަށް ފަހު ނިހާން ވަނީ އެންމެފަހުން އެ ބޭފުޅާގެ އަސްލު ކުލައިގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންފަ އެވެ. ނުރަ ބޮލާ އެކު ނުކުމެ ވަޑައިގެން ވިދާޅުވީ ދެން "މި ސްޓައިލް" ބަދަލެއް ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމާ އެކު އެ ވާހަކަ މަތިން ނިހާން ހަނދާންނެތިއްޖެ އެވެ. ފަހަރެއްގައި އަބަދުވެސް ކުރައްވަމުން ގެންދެވި ކަމަކަށްވީތީ، މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަންވެގެން ހެނދުނު ހޭލައިގެން ގޮސް އަނެއްކާވެސް ބޯ ކަޅުކޮށްލެވުނީ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް ނިހާނުގެ ޓްވިޓާ ބުނަނީ މިއީ ހަމަ އެ ބޭފުޅާ ބޭނުންވާ ބަދަލެއް ކަމަށެވެ. މަޖިލިސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އަނެއްކާވެސް ބޮލުގައި ކޮންމެވެސް ކުލައެއް ޖައްސަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

އެގޮތުން "އެންމެ ކަމު ދަނީ ކޮން ކުލައެއް ހެއްޔޭ؟" ވިދާޅުވި ޓްވީޓެއްގައި ކަޅާއި މުށީގެ އެތައް ޝޭޑެއްގެ ފޮޓޯ ވެސް ދައްކާލެއްވި އެވެ. ފެންނަ ފެނުމަށް ނިހާންގެ ބޮލުގައި ހުރީ އާންމުކޮށް ވެސް ޖައްސަވާފައި ހުންނަ ކަޅު ކުލަ އެވެ.

އެހެންވީމަ "ނުރައިގެ އިންގިލާބު" ނިހާނަށް ކަމުވަޑައިނުގެންނެވީއެއް ނޫން ހެއްޔެވެ؟