ހަބަރު

ގާޒީއެއްގެ އަތްދަށު ވެގެން ނަޝީދު ގައިދީއަކަށް

Mar 14, 2015
1

ރާއްޖޭގެ ޑިމޮކްރިސީ ގެނެސް ދިނުމަށް ޓަކައި ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި އެވެ. އެ މަނިކުފާނަކީ ރާއްޖޭގައި އިންތިހާބު ކުރި ފުރަތަމަ ޑިމޮކެރެޓިކް ރައީސެވެ. ނަމަވެސް ކްރިމިނަލް ކޯޓްގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވީ އެވެ. އެކަމާ އުފާ ކުރާނެ ބަޔަކުވެސް ތިބެދާނެ އެވެ. އެހެން ނަމަވެސް އެއް ކަމެއް ޔަގީނެވެ. އެމަނިކުފުނަށް ހުކުމް އައުމުން ހިތާމަކޮށް، އެމަނިކުފާނު ޖަލަށް ވަޑައިގެންނެވި މަންޒަރު އަސަރާއެކު ގިނަ ބަޔަ ބެލި ކަމެވެ.

ހަގީގަތުގައި ރައީސް ނަޝީދަށް ގޯސްތަކެއް ހެއްދެވުނީ އެވެ. ޖެނުއަރީ 16، 2012 ގައި ސިފައިންނާއި ވަދެގަނެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުން ވެގެން ދިޔައީ ހެއްދެވުނު ބޮޑު ގޯހަށެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ ވެރިކަން ނިމުމުގެ ފެށުމުގެ މަރުލާތަކަށް މަގު ފަހިވި އެވެ.

ގާޒީ ހައްޔަރު ކުރި ރެއިން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތައް ސަރުކާރާ ދެކޮޅަށް އެއްގަލަކަށް އަރައި މުޒާހަރާތައް ކުރަން ފެށީ، ގާޒީ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން މިނިވަންކުުރަން ސުޕްރީމް ކޯޓުން އަމުރު ކުރި ހިސާބުންނެވެ. ރައީސް ނަޝީދަށް ހެއްދެވުނު ގޯހަކީ ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރެއްވުމެވެ. ދައުލަތުގެ މުއައްސަސާތަކުގެ އަޑު ނާހައި ސިފައިންގެ ނިވަލުގައި ހުންނަވައިގެން މުޅިން އެޅުއްވުނީ ޅަ އެއްޗިއްސެވެ. އޭރު ދައުލަތުގެ އަޑަށް ވުރެ އެ މަނިކުފާނަށް އިސްކުރެއްވުނީ ޕާޓީ އެކްޓިވިސްޓުންގެ އަޑެވެ. ނަތީޖާއަކަށްވީ މަގާމުން އިސްތިއުފާ ދެއްވަންޖެހިވަޑައިގަތް 7 އާ ކުރިމަތިލައްވަން ޖެހި ވަޑައިގަތީ އެވެ.

އަނެއްކޮޅުން  ގާޒީ ހައްޔަރުކުރުމަށް ފަހު، އެ ގާޒީ އެއްގޮތަކަށް ވެސް މިނިވަން ނުކުރައްވާނެ ކަމަށް ގޮންޖައްސަވައި ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ސަބަބުން ސިފައިންނާއި ފުލުހުންގެ ތެރޭގައި ސަރުކާރާ މެދު ނަފްރަތާއި ދެކޮޅުވެރިކަން އުފެދުނެވެ. މިފަދަ އެތައް ކަމެއްގެ ތެރެއިން އެމަނިކުފާނުގެ އަމުރަށް ކިޔަމަންނުވެ ފުލުހުން ޖުމްހޫރީ މައިދާނަށް ވަނީ އެވެ.  ސަރުކާރާ ދެކޮޅަށް ފުލުހުން ފާޅުގައި އަޑު އުފުލަން ފެށީ އެވެ. އާހިރުގައި ގާޒީއެއްގެ އަތްދަށުވެ ވެރިކަން ގެއްލި ވަޑައިގަތީ އެވެ. މިއަދު އޭގެ ފަހު ނަތީޖާއެއްގެ ގޮތުން އެ ގާޒީގެ އަތްދަށުވެ ގައިދީއަކަށް ވެ ވަޑައިގަންނަވަން ޖެހި ވަޑައިގަތީ އެވެ.

މިއަދު އޮތީ މިއަދުން އަލުން ފެށުމެވެ. އަލުން ދިރެން ބޭނުން ނަމަ ފުރަތަމަ މަރުވާން ޖެހޭ ފަދައިން ރައީސް ނަޝީދާއި ޕާޓީގެ މަސައްކަތްތައްކަށް މިއަދު މިވަނީ އަލުން ދިރެން ބޭނުންވާ މަރުވުމެއް އައިސްފައެވެ. ރޭ ރައީސް ނަޝީދަށް ހުކުމް އިއްވުމުން ޕާޓީގެ ތެރެއިންނާއި ބޭރުން ރައީސް ނަޝީދަށް ހަމްދަރުދީ ވެ ވަޑައިގެންނެވި ސިޔާސީ ބޭފުޅުންގެ ރާގު ހުރި ގޮތުން ފެންނަނީ ގަދަ ބަސް ބުނުމުގެ ބަދަލުގައި އަލުން އާ ހިތްވަރެއްގައި ފަށަން ބޭނުންވެފައިވާ ހެނެވެ. މަޑުމައިތިރި އުންމީދީ ވާހަކަތަކެއް އެބޭފުޅުން ވަނީ ދައްކަވާފައެވެ،

ރައީސް މުހައްމަދު ނަޝީދު މިދިއަ ރިޔާސީ އިންތިހާބަށް ހިޔާރު ކުރެއްވި އެމަނިކުފާނުގެ ރަނިންމޭޓް މުސްތޮފާ ލުތުފީ ވިދާޅުވި ގޮތުގައި ރެއަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ދުވަހަށްވުރެ މާޔޫސްކަން ބޮޑު ދުވަހަކެވެ.

"ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހަށްވުރެ ދެރަވޭ، އެކަމަކު މާޔޫސްވެގެންނެއް ނުތިބޭނަމު،" އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީން ބުނި ގޮތުގައި އެމަނިކުފާނަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ދިނީ  ގާނޫނުތަކާއި އެންމެހާ އުސޫލްތަކާ ހިލާފަށެވެ. އެ ހުކުމް އެމްޑީޕީން ބަލައެއް ނުގަނެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ހުކުމް ކުރީ ބޭއިންސާފުންނެވެ. އަންނަ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލުވާން ހުކުމެއް ކުރި ނަމަބެސް ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނުގެ ނަން އޮންނާނެ އެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ލީޑަރަކީ ވެސް އެމަނިކުފާނު. ޕާޓީ އަދިވެސް ކުރިއަށް ދާނީ ހަމަ އެމަނިކުފާނުގެ ލީޑަޝިޕް ދަށުގައި،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ރޭ ހުކުމް ކުރި ވަގުތުކޮޅަކީ އޭނާގެ ހަޔާތުގެ "އެންމެ ހިތް ދަތި" ވަގުތުކޮޅެވެ.

"އެއީ ހަޔާތުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅު އިރާދަ ކުރެއްވި ރައީސް ނަޝީދު ސަލަމަތް ކުރާނަން. ހިތާމައިގައި ހިތްވަރުގަދަ ކުރުމަށް އަޅުގަނޑު ގޮވާލަން،" އަލީ ވިދާޅުވި އެވެ.  އަލީ އެހެން ވިދާޅުވި އިރު ޖޭޕީއަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވަނީ "މިއީ ދިވެހި ތާރީހުގައި ހިތާމަވެރި ދުވަހެއް" ކަމަށެވެ.

މެންބަރު ރޮޒޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ޖަލަށްލުމަކީ ނިމުމެއް ނޫނެވެ. މިއީ ހަނގުރާމައިގެ ފެށުމެވެ. އެމަނިކުފާނު ޖަލުން ނެރެވެންދެން އެމްޑީޕީގެ މަސައްކަތް ހުއްޓައެއް ނުލާނެ އެވެ.

"ރައީސް ނަޝީދު ވިދާޅުވި ގޮތަށް [އަޅުގަނޑުމެން] ކުރިޔަށްދާނަން ރައީސް ނަޝީދު މަތިން [އަޅުގަނޑުމެން] ހަނދާން ނައްތާލާނެ ކަމަށް ރައީސް ޔާމީން ހީފުޅު ކުރައްވައިގެން ނުވާނެ. އަޑިގަނޑަކަށްފަހު އުސްގަނޑެ އަންނާނެ،" ރޮޒޭ ވިދާޅުވި އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ސިފަ ކުރައްވާފައި ޑިމޮކްރަސީގެ ޅަފަތުގައި ޑިމޮކްރެޓިކް ލީޑަރު ޖަލަށް ދާން ޖެހުމަކީ ދިވެހި ޑިމޮކްރަސީއަށް ލިބުނު ވޭނީ އަނިޔާއެއްއްގެ ގޮތު އެވެ.

"އަބްދުﷲ ގާޒީ [ހައްޔަރު ކުރީ] 21 ދުވަހަށް ރައީސް ނަޝީދު [ޖަލަށް އެގެންދަނީ] 5745 ދުވަހަށް މިޔަށް ކިޔަނީ އިންސާފުތޯ؟ އިދިކޮޅު އެންމެން ޖަލަށް ލާފައި ވެރިކަން ކުރައްވަންވީ ނޫންތޯ؟  މިހެން ވިދާޅުވީ މަޖިލިސް މެންބަރު މަހުލޫފެވެ. އޭނާއާއެކު ކުރިން މަޖިލީހުގައި މަސައްކަތް ކުރެއްވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީވެސް ވަނީ ރައީސް ނަޝީދަށް ކުރި ހުކަމާ ގުޅިގެން ވާހަކަ ދައްކްވާފައެވެ. ވިދާޅުވެފައި ވަނީ ނަޝީދު އެދި ވަޑައިގެންނެވި ގޮތަށް "ފުރާނަ އަތައް ލައިގެން" އެމްޑީޕީއެކުގައި މަގުމައްޗަށް ނުކުންނަނަ އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސް ކުރަން ގޮވާލާ ކަމަށައި ރައީސް ނަޝީދުގެ މައްޗ ކުރި ހުކުމް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަނެއްކޮޅުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައި ވަނީ ރޭ އިއްވާފައި ވަނީ "ހަރާމް ހުކުމެއް" ކަމަށެވެ. މަޖިލިސް މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމާއި ޑިމޮކްރަސީ ހައްޔަރު ކުރުމާ އެއްވަރު ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގީ އިންސާފުން އެއްކިބާވެގެނެވެ. ބޭ އިންސާފާއި އަނިޔާގެ މަތީ ވެރިކަމެއް ގާއިމުވެ ނޯންނާނެ ކަމަށައި އަދުލުވެރި ކަމާއި ނުލައި ހަމަޖެހުމާ ތަރައްގީ ނުހޯދޭނެ ކަމަށެވެ.