ހަބަރު

މެންބަރު ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

Apr 6, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމާ އެކު ނާޒިމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސްގެ މައްޗަށް މި ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15000 ދިދަ ހޯދުމަށް ކުރި ބިޑެއް، ނާޒިމް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ނަމިރާ އިންޖިނިއަރިން އާއި އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ކުރި ދައުވާ ދަށު ކޯޓާއި ހައި ކޯޓުން ސާބިތު ނުވުމުން ދައުލަތުން އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު އެވެ. 

އެ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ފާހަގަކުރެވުނު ނުކުތާތައް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ނަމީރާ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން އުފަން ނުވާ ކުންފުނިތަކެއްގެ ނަމުގައި އެސްޓިމޭޓް ތައްޔާރުކޮށް، ހުށަހެޅުމުގެ ޒިންމާ ނަގަން ޖެހޭނީ ނާޒިމް ކަމަށެވެ. އަދި ކުންފުނިތައް ނިވައި ފަތްގަނޑަކަށް ބޭނުންކޮށްގެން ކުރާ ކުށްތަކުގެ ޒިންމާ އެ ކުންފުންޏެއްގެ ޑިރެކްޓަރުން ނަގަންޖެހޭނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ބުނެފައިވާތީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ނަމީރާގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި ނާޒިމް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ އެ އެސްޓިމޭޓްތަކުގެ ސޮއިކޮށްފައިވަނީ ނަމީރާގެ މުވައްޒަފުން ކަމަށާއި އެސްޓިމޭޓްތަކުގައި ގުޅޭނެ ނަމްބަރުގެ ގޮތުގައި ލިޔެފައިވަނީ ނަމީރާގެ ނަމްބަރުތައް ކަމަށެވެ. އަދި އެ ދިދަތަކުގެ ފައިސާ ލިބުމުން އެ ފައިސާ ދައުރުވެފައިވަނީ ވެސް ނަމީރާގެ އެކައުންޓަށާއި ނާޒިމްގެ ހިއްސާ އޮންނަ ނޭޒާ އެންޓަޕްރައިސަސްގެ އެކައުންޓްތަކުގައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެ މައްސަލައިގައި ނާޒިމް އަމަލުކޮށްފައިވަނީ ހީލަތްތެރި ގޮތެއްގައި ކަމަށާއި އެހެންވެ މަކަރާއި ހީލަތް ހެދުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ނިންމާ ކަމަށެވެ. ނާޒިމް މަކަރު ހަދާފައިވަނީ 10،000ރ. ވުރެ ބޮޑު އަދަދެއްގެ ފައިސާއަށް ކަމަށް ވާތީ ނާޒިމަށް އަސްލު ދޭންޖެހޭނީ 25 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ނަމަވެސް އެ ކުށަކަށް އެންމެ ބޮޑު އަދަބަށް ދެވޭނީ 25 އަހަރުގެ މުއްދަތެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވާތީ ނާޒިމް 25 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރުމުން އެ މަސައްކަތުގެ އަގުގެ ގޮތުގައި ދައުލަތުން ދިން 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ކިބައިން ނަގައި ދިނުމަށް ދައުލަތުން އެދުނު ނަމަވެސް ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ފައިސާ ނަގައި ދެވެން ނެތީ އެ ޕްރޮޖެކްޓްގައި ހޯދަން ހަވާލުކުރި ތަކެތި ދައުލަތަށް ރައްދުކޮށްފައިވާކަން އެނގެން އޮތުމުން ކަމަށެވެ.

މަކަރާއި ހީލަތުގެ މައްސަލައިގައި ނާޒިމް އުމުރަށް ޖަލަށްލާން މިއަދު ހުކުމްކުރި އެފަދަ އިތުރު ތިން މައްސަލައެއް ވެސް ނާޒިމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެބައޮތެވެ. އެ މައްސަލަތައް ސާބިތުވެއްޖެ ނަމަ ހުރިހާ މައްސަލަތަކެއް އެއްކޮށް ނާޒިމްގެ ހުކުމުގެ މުއްދަތު 100 އަހަރަށް އިތުރުވާނެ އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޚިޔާނާތްތެރިވާ މުދަލުގެ އަގު ނުވަތަ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވާ ނަމަ އިތުރުވާ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަހުގެ މުއްދަތެއްގެ ހުކުމުގެ ތެރެއަށް އިތުރުވަމުންދާނެ އެވެ.

މީގެ ބައި ގަރުނު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމަށް މިއަދު ހުކުމް ކުރި އިރު އަންނަ ހޯމަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާނެ އެވެ. އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާ ފަހުން ނާޒިމްގެ މައްޗަށް އަދަބު ކަނޑައަޅާ ނަމަ އޭނާއަށް އަންނަނީ ކުޑަ އަދަބެވެ.