ހަބަރު

އިސްތިއުނާފް މުއްދަތު މިއަދު ހަމަވާއިރު ތަފްސީލީ ރިޕޯޓް އަދިވެސް ނުލިބޭ: ނާޒިމްގެ ވަކީލުން

Apr 12, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މުއްދަތު މިއަދު ހަމަވާއިރު އެ މައްސަލަ ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް މިހާތަނަށް ވެސް ނުލިބޭ ކަމަށް ނާޒިމްގެ ވަކީލުން މިއަދު ބުނެފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރަން ލިބޭ 10 ދުވަހުގެ މުއްދަތު މިއަދު މެންދުރު 2:00 ގައި ހަމަވާނެ ކަމަށް ނާޒިމްގެ ވަކީލުން ބުންޏެވެ.

ނާޒިމްގެ ވަކީލުން ކުރި ޓްވީޓެއްގައިވަނީ އިސްތިއުނާފް މުއްދަތު މިއަދު ހަމަވާއިރު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިހާތަނަށް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ އެކަމަށް އިތުރު މުއްދަތެއް ލިބޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ދަށު ކޯޓުތަކުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފްކުރަން ކުރިން 90 ދުވަހުގެ މުއްދަތެއް ލިބޭ ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނެރުނު ސާކިއުލާއަކުން ވަނީ އެ މުއްދަތު 10 ދުވަހަށް ކުރުކޮށް، އިސްތިއުނާފްކުރަން ބޭނުން ނަމަ އަމަލުކުރަންޖެހޭ އުސޫލުތައް ވެސް ބަދަލުކޮށްފަ އެވެ.

ނާޒިމަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ވަކީލުން މަސައްކަތް ކުރަމުންދާއިރު ބޭސްފަރުވާއަށް ނާޒިމް މިހާރު ހުންނެވީ ސިންގަޕޫރުގަ އެވެ. އެކަމަށް އޭނާއަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.