ރިޕޯޓް

ރާއްޖެ-އިންޑިއާ ގުޅުން ދެމެހެއްޓުން ހަމައެކަނި ރާއްޖޭގެ ޒިންމާއެއްތަ؟

ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ޒަމާންތަކެއް ވެފައި ވުމާއި އެ ގުޅުމުގައި ހާއްސަ ސިފަތަކެއް އެބަހުރި ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެންވެ އިންޑިއާ އާއި ރާއްޖެއާ ދެމެދު މައްސަލައެއް ޖެހޭ ފަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކީ ސިޔާސީ އަރާރުމެއް އުފެދޭ ވަގުތެކެވެ. ރާއްޖެއަށް އެންމެ ބޮޑެތި އެހީވާ ގައުމަކާ ގުޅިގެން ކުރިއަށް ދާނެ ކަމާއި ރާއްޖޭގެ ވިސްނުން ހުރީ އިރުމައްޗަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެކަން ބޮޑު ކަމަކަށް ވެގެން އުޅެނީ މި ސަބަބާ ހެދި އެވެ. އެކަމަކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރު ނުވެ ދެމެހެއްޓުމަކީ ރާއްޖޭގެ އެކަނި ޒިންމާއެއް ކަމަށް އިންޑިއާ އާއި ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުގެ ވާހަކައިން ދޭހަވެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ ސަރުކާރުން ނިމުމަކަށް ގެނައުން ވެގެން ދިޔައީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގައި ދުވަހަކު ވެސް ނުޖެހޭ ފަދަ މައްސަލަތަކެއް ޖެހުނު ކަމަކަށެވެ. ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން އޮތް ކަމަށް ބުނެ ރާއްޖެއިން އެއްބަސްވުން އުވާލަން މަސައްކަތް ފެށުމުންނާއި އެއްބަސްވުން އުވާލުމުން އިންޑިއާ އިން އަމަލުކުރީ ވަރަށް ހަރުކަށިކަމާ އެކުގަ އެވެ. ދިވެހިންނަށް އިންޑިއާގެ ވިސާ ތާށިކުރުމާއި ވިޔަފާރީގެ ގުޅުންތައް ދަތިކުރުން ފަދަ ކަންތައް އިންޑިއާ އިން ކުރި އެވެ.

އާރެއް ބާރެއް ނެތް ކުޑަ ގައުމަކާ މެދު އިންޑިއާ އިން އަމަލުކުރި ގޮތުން ހުރިހާ ދަތިކަމެއް ފޯރީ އާންމު ރައްޔިތުންނަށެވެ. ޖީއެމްއާރަކީ އިންޑިއާގެ އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށް ވިޔަސް އިންޑިއާ ސަރުކާރުން އަމަލުތައް ބަހައްޓާފައި ވަނީ ދެ ސަރުކާރުގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ކަންކަންކުރާ ގޮތަށެވެ. ޖީއެމްއާރާއި ދިވެހި ސަރުކާރުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އިންޑިއާ ސަރުކާރުން ކުރި ކަމަކީ ހުޅުގަނޑު ބޮޑުކުރުމެވެ. އިންޑިއާ އަށް ރާއްޖޭގެ ގުޅުން އެހާ މުހިންމު ނަމަ ގުޅުން ހީނަރުވުމަށް މެދުވެރިވި ސަބަބުތައް ނައްތާލައި ހަމަޖެހުން ގެންނަން ކުރި ކަމެއް ނެތެވެ. އިންޑިއާ އިން ރާއްޖެ އަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ގޮވައި، ޖީއެމްއާރު މައްސަލާގައި އިންޑިއާ ސަރުކާރުން ހިފީ ދޭތިން އެކައްޗަށެޗެ.

ކުރުކޮށް ބުނާ ނަމަ މިހާ ޒަމާންވީ ގުޅުމެއްގެ ބާރު ވަޒަންކޮށްލެވުނު މި ހާދިސާގައި ފެނުނީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް ބަސްބުނެ، އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ރާއްޖޭގެ އޭރުގެ ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކުރަން އުޅުނު ތަނެވެ.

ރާއްޖެ އާއި ޗައިނާއާ ސިޔާސީ ގުޅުން ގާއިމުކުރީ ރާއްޖެ އާއި އިންޑިއާ އިން ގުޅުން ގާއިމުކުރިތާ ހަތް އަހަރު ފަހުންނެވެ. ރާއްޖެ އިން އިންޑިއާއާ އެކު ގުޅުން ގާއިމުކުރީ ރާއްޖެ އަށް މިނިވަންކަން ލިބުނު އަހަރު އެވެ. އެއީ 1965، ނޮވެމްބަރު 1 ގަ އެވެ. ޗައިނާ އިން ގުޅުން ގާއިމުކުރީ 1972، އޮކްޓޫބަރު 14 ގަ އެވެ. ސިޔާސީ ގުޅުމާ އެކު އިންޑިއާ އޮތީ ރާއްޖެއާ އެންމެ ގާތް ގައުމުގެ ގޮތުގަ އެވެ. މި ގުޅުމުގެ ތެރެއިން އިންޑިއާ އިން ރާއްޖެ އަށް އެކި ދުވަސްވަރު އެކި ގޮތްގޮތުން އަންނަނީ އެހީވަމުންނެވެ. އެހެންވެ ރާއްޖެ އޮޅުކޮށްގެން ގެންގުޅުމުގެ ހުރިހާ ބާރެއް އިންޑިއާ އަށް އޮތް ނަމަވެސް ތަންކޮޅެއް ދުރުގައި އޮތް ގައުމެއްގެ މަދަދަށް ރާއްޖެ ބަރޯސާވާން ޖެހޭ ހިސާބަށް ދާނީ އިންޑިއާ އިން ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވިގެން ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން މުހިންމު އިގްތިސާދަކަށް ވިޔަސް، ކުޑަކުޑަ ސްރީ ލަންކާގެ ކުންފުނިތައް ވެސް ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކަށް ވުރެ ވަނީ މުހިންމުވެފަ އެވެ.

މިހެން މިސާލެއް ނަގަން ހިނގާށެވެ. ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ގައުމަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާފައި ވިޔަސް އެ މުއްދަތުގައި އަންނަންޖެހޭ ފުރިހަމަ ތަރައްގީ އާއި ކުރިއެރުން ރާއްޖޭގައި ނެތް ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. ރާއްޖެ-އިންޑިއާގެ ގުޅުން ވެސް މި އޮތީ ހަމަ އެ މިސާލުގެ ތެރޭގަ އެވެ. ނޮވެމްބަރު 3، 1988 ގައި ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ބަޔަކާއި ދިވެހިންތަކެއް ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ރާއްޖެ އަށް އިންޑިއާ އިން ދިން ކުއްލި އަދި މުހިންމު އެހީ އަކީ އެންމެ ފާހަގަކޮށްލެވޭ އެހީ އެވެ. އެކަމަކު މީގެ މާނަ އަކީ އެކަމުގެ އަގެއްގެ ގޮތުން ރާއްޖެ އިންޑިއާ އަށް އަޅުވެތިވެ، އިންޑިއާއާ ވާދަވެރި ގައުމުތަކާ ގުޅުން ބަދަހި ނުކޮށް އެ ގައުމުތަކުން އެހީ ނުހޯދާ އޮންނަންޖެހުން ހެއްޔެވެ؟

ސަރަހައްދީ ބޮޑު ބާރަށް ރާއްޖެ ބަރޯސާވެގެން އޮއްވައި ޖެހުނު މައްސަލަތަކުގައި އިންޑިއާ އިން އަމަލުކުރި ގޮތްތަކުން ރާއްޖެ އަށް ޖެހުނީ އެހެން ގައުމުތަކުގެ އެހީ ހޯދާށެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވި މައްސަލަތަކަށް ކުރިން ދޭ ފަދަ އެހީތެރިކަމެއް ފެބްރުއަރީ 7، 2012 ގައި މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހިސާބުން އިންޑިއާ އިން ރާއްޖެ އަށް ނުދިނުމުގެ ނަތީޖާއަކަށްވީ އިންޑިއާ ނޫން ގައުމުތަކުގެ އެހީ ހޯދަން މަޖުބޫރުވުމެވެ. އެހީވުމުގައި އިސްނެގީ އިންޑިއާ ކަނޑަށް ފާރަވެރިވެގެން އޮތް ޗައިނާ އެވެ. އެ ފުރުސަތުގެ ބޭނުން ޗައިނާ އިން ނަގާނެކަން އިންޑިއާ އަށް ނުވިސްނުމަކީ ހެދި ބޮޑު ގޯހެކެވެ.

ސްރީ ލަންކާގެ ތަމަޅައިން ހިންގި ވަކިވެގަތުމުގެ ހަނގުރާމައިގެ ތެރޭގައި އިންޑިއާ އިން އަދާކޮށްފައިވާ ދައުރަކީ ސިއްރެއް ނޫނެވެ. ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދިނުމަށް ހަނގުރާމަކުރި ޖަމާއަތްތަކަށް އިންޑިއާ އިން ހުރިހާ ސިފައެއްގައި އެހީވި އެވެ. ސްރީ ލަންކާ ސަރުކާރަށް އެކި ގޮތްގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތިކުރި އެވެ. ދާހިލީ ހަނގުރާމައިގެ ތެރޭގައި ލަންކާ އޮންނަތާ 30 އަހަރު ފަހުން ލަންކާ އިން ނިންމީ އިންޑިއާ ނުރުހުނަސް ޓެރަރިސްޓުންގެ ވަސް ފޮހެލުމަށް އެހެން ގައުމުތަކުގެ އެހީ ހޯދުމަށެވެ.

މޫނަކަށް ކަނދުރާއަކަށް ނުބަލައި ލަންކާ އިން ތެދުވީ އޭރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ، އެންމެ ހިންގުންތެރި ޓެރަރިސްޓު ޖަމާއަތާ ކުރިމަތިލުމަށެވެ. އަދި އެކަން ކާމިޔާބުކޮށް، އިންޑިއާގެ ނުރުން އެންމެ ބޮޑުވި ވަގުތު ޗައިނާއާ އެކު ފެށި ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ފައިދާ ލަންކާގައި އެ ދަނީ ފެންނަމުންނެވެ. އިންޑިއާ ރުއްސަން އޮތް ނަމަ އަދިވެސް އޮތީހީ ހަނގުރާމައިގެ ތެރޭގަ އެވެ.

މިކަމުން އެނގެނީ އަވަށްޓެރި ގައުމުތަކާ އެކު ބާއްވާ ގުޅުމުގެ އިންތަކާއި މިންތައް އިންޑިއާ އަށް ކަނޑައަޅަން ނޭނގޭ ކަމެވެ. އަވަށްޓެރި ގައުމުތައް އިންޑިއާ އަށް ބަރޯސާވާންޖެހޭ ސަބަބެއް އިންޑިއާ އަށް ނުއުފެއްދޭ ކަމެވެ. މިއީ އަވަށްޓެރިންގެ މައްސަލައެއް ނޫނެވެ. އިންޑިއާގެ ނާގާބިލްކަމެވެ. އިންޑިއާގެ ވަށައިގެން ހުރި ގައުމުތަކުގެ ތެރެއިން ދެތިން ގައުމެއް ނޫނީ ޗައިނާގެ މަދަދުގެ ތެރެއަށް ވަދެގެން އެ ދަނީ އެހެންވެ އެވެ.