ހަބަރު

ފޭސްބުކް އިން އަދީބުގެ ޕޭޖް ވެރިފައިކޮށްފައި ވަނިކޮށް، ޓްވިޓާގެ ވެރިފިކޭޝަން ވެސް ލިބިއްޖެ

Apr 21, 2015

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ފޭސްބުކް ޕޭޖް ވެސް ވެރިފައިކޮށްފައި ވަނިކޮށް، އޭނާގެ ޓްވިޓާ އެކައުންޓް ވެސް ވެރިފައި ކޮށްދީފި އެވެ. 

އިކޮނޮމިކް ކޮމިޓީގެ ކޯޗެއާކަން ވެސް ކުރައްވާ، އަދީބުގެ ޓްވިޓާ އެކައުންޓް ވެރިފައި ކޮށްފައި ވަނީ މިއަދު އެވެ. ޓްވިޓާއިން އެކައުންޓް ވެރިފައި ކޮށްދެނީ، އެކި ދާއިރާތަކުން މަޝްހޫރު ފަރާތްތަކާއި، ފިލްމީ ތަރިންނާއި، ސިޔާސީ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ބޮޑެތި ކުންފުނިތަކާއި ޖަމާއަތްތަކުގެ އެވެ.

ޓްވިޓާ ބޭނުން ކުރާ ދިވެހިންގެ އެކައުންޓްތަކުގެ ތެރެއިން ވެރިފައި ކޮށްފައި ވަނީ ވަރަށް މަދު އެކައުންޓްތަކެކެވެ. ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ ދެ ނެޓްވޯކް ކަމަށްވާ، ފޭސްބުކާއި ޓްވިޓާއިން ދިވެއްސެއްގެ އެކައުންޓް ވެރިފައި ކުރިމީ ފުރަތަމަ ފަހަރެވެ.

ޓްވިޓާއިން އެކައުންޓްވެރިފައި ކުރުމާ ގުޅިގެން، އަދީބުގެ ސޯޝަލް މީޑިއާ ޓީމުން ބުނީ މިކަމުން ވެސް ދޭހަވަނީ ސޯޝަލް މީޑިއާގައި މިނިސްޓަރަކަށް އޮތް ތާއީދު ކަމަށެވެ. އަދި އެމަނިކުފާނާ މެދު ކުރެވޭ ތުހުމަތުތަކަށް ދެވޭ މިއީ ވަރުގަދަ ރައްދެއް ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު އެއްބޭފުޅަކީ އަހުމަދު އަދީބެވެ. އަދީބުއަށް ރައްދު ކޮށް ކުރާ ޓްވިޓާ މެސެޖްތަކާއި އެމަނިކުފާނު ކުރައްވާ ޓްވީޓްތައް ރިޓްވީޓް ކުރާ އަދަދު ވަރަށް ބޮޑަށް ވެސް އިތުރެވެ. އަދި އަދީބު ކުރައްވައި މަސައްކަތްތަކަށް ޝުކުރު އަދާކޮށް ޓްވީޓް ކުރާ ދިވެހިން ވެސް ގިނަ އިރު، އޭގެ ތެރޭގައި ރެޕް ލަވަކިޔުންތެރިޔާ އޭކޮން ފަދަ މަޝްހޫރު ބޭރުގެ ފަރާތްތައް ވެސް ހިމެނެ އެވެ.

އަދީބު ބެލެވެނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް އެންމެ ބޮޑަށް އަމާޒުވާ، އަދި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގަ އެވެ.