ހަބަރު

މެގަ މޯލްޑިވްސް އިން ވެސް ނޭޕާލުން 100 ދިވެއްސަކު ގެނެސްދެނީ

Apr 27, 2015
1

ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު މެގަ މޯލްޑިވްސްގެ ފްލައިޓެއްގައި ރާއްޖެ ގެންނާނެ ކަމަށް އެ އެ އެއާލައިންގެ ސީއީއޯ ޖޯޖް ވެއިންމަން ވިދާޅުވެއްޖެ އެވެ.

އޭނާ ފޭސްބުކްގައި މިއަދު ވިދާޅުވެފައިވާ ގޮތުގައި، ޔޫރަޕްގެ ގައުމުތަކުން ނޭޕާލަށް ފޮނުވާ އެހީގެ ބައެއް ތަކެތި ހިފައިގެން ދާ މެގަ މޯލްޑިވްސްގެ ފްލައިޓް މިހާރު ދަނީ ނޭޕާލަށް ދަތުރު ކުރަމުންނެވެ. އެ ފްލައިޓަށް އެ ގައުމަށް ދެވޭނީ މިރޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގައުމުގައި ތިބި ދިވެހިން މާލެ ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެހީތެރވުމުގެ ގޮތުން އެ ފްލައިޓް އެނބުރި ރާއްޖެ އަންނަ އިރު، 100 ދިވެހިން ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނޭޕާލްގައި ތިބި ދިވެހިން ގެނައުމަށް ޓުއަރިޒަމް އިންޑަސްޓްރީގެ ހަރަދުގައި މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް މިއަދު ކަތަމަންޑޫއަށް ދާނެ އެވެ. ފޮރިން މިިނިސްޓްރީން ބުނީ ނޭޕާލުގެ އެކި ހިސާބުތަކުގައި ތިބި ދިވެހިން ކަތުމަންޑޫ އަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ނޭޕާލަށް މިދިޔަ ހޮނިހިރު ދުވަހު އައި ބިންހެލުމުގައި އެ ގައުމު ސުންނާފަތިވެފައިވާ އިރު، އެ ގައުމުގައި މެޑިސިން އާއި އެހެން ވެސް ބައެއް ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރަން ގޮސްފައިވާ ދިވެހިން ތިބީ ބިރުވެރިކަމެއްގަ އެވެ. އެ މީހުން އެނބުރި ރާއްޖެ އައުމަށް ވަނީ ސަރުކާރުގައި މިހާރު އެދިފަ އެވެ.

އެ ގައުމުގައި ދިވެހި އެމްބަސީއެއް ނެތް ނަމަވެސް، އެ ގައުމުގައި ހުންނަ ނޮން ރެސިޑެންސް ހޮނަރަރީ ކޮންސެލް އިން ދިވެހިންނަށް އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހިންނަށް ބޭނުންވާ ކާނާ އާއި އެހެން ވެސް އެހީތެރިކަން ދޭ އިރު، ރިލީފް ކޭމްޕްތަކެއް ވެސް ދިވެހިންނަށް ހާއްސަކޮށް ވަނީ ހަދައިފަ އެވެ. އަދ އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތަށް ފޮރިން މިނިސްޓްރީގެ ހާއްސަ ޓީމެއް ވެސް މިއަދު އެ ގައުމަށް ދާނެ އެވެ.

މެގްނިޓިއުޑުން 7.8 ގައި އައި ބިންހެލުމުގެ ސަބަބުން 3000 މީހަކު މަރުވެ ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.