ހަބަރު

ކުށްވެރިއަކު ގޮޅީގައި އޮތުމަކީ އަނިޔާއެއް ނޫން: ރައީސް

Apr 27, 2015
2

ކުށެއް ސާބިތުވެ އެކަމުގެ އަދަބެއްގެ ގޮތުން ޖަލަށް ދާން ޖެހުމަކީ އަނިޔާއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމް އަށް ކައުންސިލަރުންތަކެއް ސޮއި ކުރުމަށް މުލިއާގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ބޭނުމަކީ ގާނުނުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުން ކަމަށެވެ. އަދި މި ސަރުކާރަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނުގެ ބާރު ހިންގާނެ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގާނޫނީ ބާރު ދަމަހައްޓާނެ އެވެ. އަދި ކުށްވެރިއަކަށް ލިބެން ޖެހޭ އަދަބެއްގެ ގޮތުން އެ މީހަކު ގޮޅީގައި އޮންނަން ޖެހުމަކީ އަނިޔާއެއް ކަމަށް ބަލާނެ އުސޫލެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުށަކަށް ލިބެން ޖެހޭ އަދަބެއް ލިބުމަކީ އަނިޔާއެއް ނޫން. ކުށްވެރިއަކު ގޮޅީގައި އޮތުމަކީ ވެސް އަނިޔާއެއް ނޫން. މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުގެ ބޭރުން ކުރާ ކަމެއް ވެސް އެބޭފުޅުންނަކަށް ނުދެއްކެވުނު،" އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންލައްވާ ތަފާތު ޖިނާއީ ކުށްތައް ކުރުވައި އެ ކުދިން ޖަލުގެ ތޭރިތަކަށް ގެންދިޔުމަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހަދައި އެ މީހުންނަކީ މުޖުތަމައަށް ބޭނުން ހިފޭ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލުން ހޯދައި އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އެ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު އުފާފުޅު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.