ހަބަރު

ނަޝީދުގެ މައްސަލާގައި އދ.އަށް ހުށަހަޅާ ލިޔުންތައް ހާމަކުރައްވާނީ އަނބިކަނބަލުން ލައިލާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އދ. އަށް ހުށަހަޅާ މައްސަލައިގެ ލިޔުންތައް ހާމަކުރައްވާނީ ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ކަމަށް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔޫއެން ވާކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ހުށަހަޅާ މައްސަލައާ ބެހޭ ގޮތުން ބުރާސްފަތި ދުވަހު ލައިލާ އެމެރިކާގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ލައިލާއާ އެކު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ތެރޭގައި ހިމެނޭ އަމާލް ކްލޫނީ އާއި ޖާރެޑް ޖެންސާ ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ.

މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީގެ އަންހެނުން އަދި ތަޖުރިބާކާރު ލޯޔަރެއް ކަމަށްވާ އަމާލް ކްލޫނީ އާއި މިޔަންމާގެ އަންގު ސަން ސޫކީގެ ދިފާއުގައި މަސައްކަތް ކުރެއްވި ޖާރެޑް ޖެންސާގެ އިތުރުން ވަކީލުންގެ ޓީމުގައި ދެން ހިމެނެނީ ރުވަންޑާ އާއި ކުރީގެ ޔޫގޮސްލޭވިޔާގައި ހިންގި އިންސާނިއްޔަތާ ހިލާފު ހަނގުރާމައިގެ ބޮޑެތި ކުށްތައް ބަލަން އެކުލަވާލި ފަނޑިޔާރުގެ ބެންޗުގައި އިންނެވި ބެން އެމާސަން އެވެ.

ނޫސްބަޔާނުގައި ބުނެފައި ވަނީ 30 ވަނަ ދުުވަހު ނަޝީދުގެ އަނބިކަނބަލުން ލިޔުންތައް ހާމަކުރެއްވުމަށް ފަހު ހަމަ އެ ދުވަހު އދ. އަށް ވެސް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ބޭރުގެ ވަކީލުން ނަޝީދާ ބައްދަލު ކުރުމަށް އެދުމުން، އެ ވަކީލުން ރާއްޖޭގައި މަސައްކަތް ކުރުމަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރި ދައުވާ އާއި ހިންގި ޝަރީއަތްތަކުގައި ކަންބޮޑުވެ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ އދ. އާއި ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުން ފާޑު ކިޔާފައިވެ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ކޯޓުތަކުން ކުރާ ކަންކަމާ ސަރުކާރުން ނުބެހޭނެ ކަމަށެވެ. އަދި ކޯޓުގެ ހުކުމްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އިހްތިރާމް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.