އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

ޒިޔަތު، މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ގޮތަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީއިން އެކުލަވާލި ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނިކޮށެވެ. އެ ލިސްޓް މަޖިލީހުން މިއަދު ވަނީ އާންމުކޮށްފައެވެ.

އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޒިޔަތު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އިން އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހަށް ހިއްސާކޮށްފައިވާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި ބައިވެރިވި ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމު އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވާ ކަމަށެވެ.

ޒިޔަތުގެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރު ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްގައި ދެކޭތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

"ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑު މަަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ އަޅުގަނޑުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ޒިޔަތުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ލިސްޓުގައިވާ ގޮތުން ޒިއަތުއަށް ފައިސާ ދެއްވި ކަމަަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާނުގައި ވެއެވެ. ނަމަވެސް ޒިއަތަށް ލިބިވަޑައިގެންނެވީ ކިހާ ފައިސާއެއް ކަމަށް ބުނެފައެއް ނުވެއެވެ.

ޒިޔަތަށް ފައިސާ ދިނީ އޭނާގެ ކެމްޕޭނަށް ހަރަދުކުުރުމަށް ކަމަށް އަދީބު ދެއްވި ބަޔާނުގައި ބުނެފައި ވެއެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅު ހެންވޭރު ދާއިރާއަށް ޒިއަތު ވާދަކުރެއްވި އެވެ.

އެކަމާއި ގުޅިގެން ޒިޔަތު ވިދާޅުވީ ކެންޕެއިނަށް ދެ ފަހަރެއްގެ މަތިން ޕީޕީއެމުން ފައިސާ ދީފައިވާ ކަމަށާ އެ ފައިސާ ދިނީ ޕާޓީއަށް އޮފީހުގައި އެ ފައިސާ ދޭކަމުގެ ލިޔުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އޭރު ހިޔާނާތުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށާ އެހެން ކަމުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޒިއަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮވެސް މެއެވެ. އެ މައްސަލަގައި ޒިއަތުގެ މައްޗަށް 11 އަަހަރުގެ ޖަލުގެ ހުކުމެއް އިއްވި ނަމަވެސް ހުކުމް ތަންފީޒްކުރަމުން ދަނީ ގޭގަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު އޭގެ ތެރޭގައި ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ހިމެނިފައިވެއެވެ.