އީދު ފާހަގަ ކުރުން

ހަންނާންގެ އަޑުން 25 އަހަރު ކުރީގެ ހަނދާނެއް

May 13, 2021
1

ކުޑަ އީދު ވިޔަސް ބޮޑު އީދު ވިޔަސް އީދުގެ އުފަލާއި ހިނިތުންވުން ހިފައިގެން އަންނަ ހާއްސަ ލަވައެއް ވެއެވެ. "އީދު އައީ ހިނިތުވަމުން" މި ލަވައަކީ އީދު ދުވަހުގެ އެންމެ ހާއްސަ ލަވަ އެވެ. މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އީދަށް ހާއްސަކޮށްގެން ވަރަށް ގިނަ ލަވަތައް ތައްޔާރުކޮށްފައިވެއެވެ. ނަމަވެސް މި ލަވައިގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވެއެވެ. ނޫންނަމަ އެ ލަވައަށް ދިވެހިންގެ ހިތުގައި ދެވިފައި އޮތް ހާއްސަ ވަނަ ނުވަތަ މަގާމަކަށް އެހެން ލަވަޔަކަށް އާދެވޭ ގޮތެއް ނުވެއެވެ.

އީދު ދުވަސްތަކުގައި ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުން އެންމެ ގަދައަށް ގުގުމަމުންދާ މި ލަވައިގެ ޅެން ތައްޔާރުކޮށްފައިވަނީ ޅެންވެރިޔާ، އަދި އަދީބު އަބްދުﷲ ސޯދިގު އެވެ. ސޯދުބެ މި މަސައްކަތް ކުރެއްވީ އޭރު ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ސަމަރުބްލޫ އިބްރާހިމް މަނިކުގެ އެދިވަޑައިގަތުމަކަށެވެ. އެ މަސައްކަތް ކުރެވުނު ގޮތާމެދު ސޯދުބެ ދެއްވާފައިވާ ހާއްސަ އިންޓަވިއެއްގެ މައްޗަށް އަވަސްއިން 2016 ވަނަ އަހަރު ވާނީ ވަރަށް ތަފްސީލީ ރިޕޯޓެއް ގެނެސްދީފައެވެ.

މިއުޒިކީ ލެޖެންޑް އަދި ލަވަކިޔުންތެރިޔާ އަބްދުލް ހަންނާނު މޫސާ ދީދީގެ އަޑުން އިވިގެންދިޔަ މި ލަވާގައި ހަންނާނުގެ އިތުރުން މަދަހަ އާއި ލަވައިގައި ފާހަގަކޮށްލެވުނު މަރުހޫމް މުހައްމަދު ރަޝީދު (ރަޝާދުބެ) އާއި މަހުމޫދާ ޝަކީބްވެސް ބައިވެރިވެފައިވެއެވެ.

މިއަދު ފާހަގަކުރަމުންދާ ފިތުރު އީދުގެ އުފަލުގައި ހަންނާނު ވަނީ މީގެ އެތައް އަހަރެއްގެ ކުރީގެ ފޮނި ހަނދާންތައް އައު ކުރައްވާފައެވެ. ހަންނާން ވަނީ އޭނާގެ އަޑުން އަލުން އެލަވައިގެ ކަޑިއެއް ރެކޯޑްކޮށް އީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވާފައެވެ. ދިވެހިން އެންމެ ގަޔާވާ އީދު ލަވައިން ހަންނާން މިފަހަރު ތަހުނިޔާ މި ފޮނުވަނީ ދިވެހީންގެ 15،000 ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އަވައްޓެރި ސްރީލަންކާއިންނެވެ.

މީގެ ފަނަރަ އަހަރު ކުރީން ފެށިގެން ހަންނާން ދިރިއުޅެނީ ސްރީލަންކާގައެވެ. 2017 ވަނަ އަހަރު ކުރިމަތިވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން ރާއްޖެ ނައިސް އުޅޭތާވެސް އަހަރުތަކެއް ފާއިތުވީއެވެ. ހަންނާން ވިދާޅުވި ގޮތުގައި އީދު ދުވަހު އޭނާއަށްވެސް އެންމެ ހާއްސަ އުފަލެއް ލިބެނީ "އީދު އައީ ހިނިތުންވަމުން" މި ލަވައިންނެވެ. އާންމުންގެ މެދުގައި މި ލަވައަށް ހާއްސަ ލޯތްބަކާއި ގަދަރެއް އޮތުމަަކީ އޭނާ ފަހުރުވެރިވާ ކަމެކެވެ. މި ލަވަ ރެކޯޑް ކުރެވި އަރްޝީފުގެ ތެރެއަށް ދޫކޮށްލެވުމަކީ ހަންނާނުގެ ލަވައިގެ ކެރިއަރުގެ އެންމެ ފޮނި ހަނދާނެވެ.

އެހެންވީމަ 25 އަހަރަށްވުރެ ގިނަ ދުވަސް ފަހުން އެ ލަވަ އަލުން އޭނާގެ އަޑުން ރެކޯޑްކޮށްލީއެވެ.

އެހެންވީމަ މި ލަވައިގެ މަތިން އޭނާ ވަރަށް ހަނދާންވެއެވެ. ލަންކާގައި ހުރެ އަވަސްއަށް ފޯނުން ދިން އިންޓަވިއެއްގައި ހަންނާން ވަނީ އީދު ލަވައިގެ ރެކޯޑިން ދިޔަ ގޮތާއި އެ ލަވަ ކިޔަން ފުުރުސަތު ލިބުނު ގޮތް ހިއްސާކޮށްފައެވެ.

ކޮންމެ އަހަރަކުވެސް އީދު ދުވަހަށް ޓީވީ އާއި އަޑުން އީދު ލަވަތައް އުފައްދައެވެ. ކޮންމެ އަހަރަކުވެސް ލަވައެއް ނުވަތަ ދެ ލަވައެއް އާންމުންނާއި ހަމައަށް ގެނެސްދެވޭތޯ ބަލައެވެ. އެ މަަސައްކަތުގައި އެންމެ މުހިންމު ދައުރެއް އޮންނަނީ އަޑުގެ ބޭންޑަށެވެ. އެންޓާރިސް ބޭންޑުން އޭރުވެސް އީދާއި ގުޅިގެން ތަފާތު ލަވަތައް ކިޔާ ބެލުންތެރިންނާއި އެހުންތެރިންނާއި ހަމައަށް ގެނެސްދެއެވެ.

"އެއް ދުވަހަކު ސަމަރޭ ވިދާޅުވީ މި ލަވަ [އީދު ލަވަ] ރެކޯޑް ކުރަން ޖެހިއްޖޭ މިފަހަރު އީދަށް. އެވަގުތު ރަޝާދު އާއި މަހުމޫދާވެސް ތިއްބެވި. ތިން މީހުން އެކުވެގެން މި ލަވަ ރެކޯޑްކުރީ. ދެން ރަޝާދުއަކީ ވަރަށް މަޖާ ވަރަށް ތަފާތު މޮޅު ލަވަކިޔުންތެރިއެއް. ލަވައިގެ ތެރެއިން އެ ލައްވާލާފައި ހުންނަ ހޯހޯ ހައްހާ ތަކަކީ ރެކޯޑް ކުރަމުންދިޔައިރު ރަޝީދު އަމިއްލައަށް ފެނިގެން ހެއްދެވި ގޮތެއް. އެ ގޮތްވީ ވަރަށް ކަމުދާ ގޮތަކަށް،" ހަންނާން ވިދާޅުވިއެވެ.

މި ލަވައިގެ ރާގަކީ ހިންދީ ފިލްމު "ގަވާރު" ގައި ހިމެނުނު އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ލަވައެއްގެ ރާގެކެވެ. އެހެން ކަމުން އެ ވަގުތު ސަމަރޭ ހިތްޕުޅު ހަމަޖެހޭ ގޮތަށް ލަވަ ރެކޯޑް ކޮށްލަން ހަންނާނަށްވީ ވަރަށް ފަސޭހަ ކަމަކަށެވެ.

"އެ ދުވަހު ކޮށްލި ރެކޯޑިން އެއް. މިއަދު މި ލަވަ ނީވެންޏާ އީދު އައިހެން ހީވޭސް ނުވޭ. އީދުގައި މި ލަވަގެ މުހިންމުކަން އާންމުންގެ ކޮމެންޓްތަކުންވެސް އެނގޭ. އެހެންވީމަ ހިތަށް އެރީ ރޭގައި ރެކޯޑްކޮށްލާފައި ހިއްސާކޮށްލާނީ އޭ. ވަރަށް ގިނަ ބަޔަކަށް ކުރީގެ އެތައް ހަނދާނެއްވެސް އާވެއްޖެ،" 

އަވަސްއަށް ދިން އިންޓަވިއުގައި ސޯދުބެ ވިދާޅުވި ގޮތުގައި ކޮންމެ އީދެއްގައި ހުރިހާ ދިވެހިންގެ ކަންފަތް ދޭ އެ ލަވަ ހަދަން އޭނާއަށް ޖެހުނީ ކުއްލިއަކަށް އައި "އޯޑަރަ" ކަށެވެ.

"ދިވެހި ރާއްޖޭގެ އަޑުގައި އަޅުގަނޑު އުޅެނިކޮށް އެއް ދުވަހަކު ހަމަ ކުއްލިއަކަށް ސަމަރޭގެ އޯޑަރު އަތުވެއްޖެ! މި އަންނަ އީދަށް ވާނޭ ސޯދިގު ލަވައެއް ހަދައިދޭން!" ސޯދުބެ ވިދާޅުވި އެވެ. "ދެން ވިދާޅުވެއްޖެ އެ ލަވައިގައި ރޯދައިގެ ވާހަކަ އާއި ޒަކާތުގެ ވާހަކަ އާއި ރޯދައާ ގުޅޭ ދަރުސްތަކާއި ވައުޒުތަކުގެ ވާހަކަ އާއި އެއްބައިވަންތަ ކަމާއި އީދުގެ އުފާވެރި ކަމާއި ކެއިންބުއިން ފަދަ ހުރިހާ އެއްޗެއް ވެސް ހިމެނެންވާނޭ... ތިމަނަންނާ ވަރަށް ބޮޑަށް އެދެމޭ އެ ޝުއޫރުތައް ފާޅުވެގެން އަންނަ ގޮތަށް އީދު ލަވައެއް ހަދައިދިނުން،"

ސޯދުބެ ވިދާޅުވި ގޮތުގައި ސަމަރޭގެ އެ އޯޑަރު ނުކުތް އިރު ރޯދަ ނިމި އީދު އޮތީ ބޯމަތިވެފަ އެވެ. ވަގުތު ނެތުމުން ދެން ޖެހި ވަޑައިގަތީ ވަރަށް އަވަސްކޮށްލައިގެން ސަމަރޭ ވިދާޅުވި ގޮތަށް "ގޮތެއް ހަދާލާ" ށެވެ.

"ދެން އިށީނދެލާފައި އެ ލަވަ އަމުނާލައި ގޮތެއް ހަދާލައިގެން ދިޔައިމަ ސަމަރޭއަށް ވަރަށް ކަމު ހިނގައްޖެ، އަޅުގަނޑަށް ވެސް ވަރަށް އަވަހަށް އެކަން ކޮށްލެވުނު... ދެން ހަމަ އެދުވަހު އަބްދުލް ހަންނާނު މޫސާދީދީމެން ބުނެފި މިރޭ ހޭލާ ތިބެގެން މި ލަވަ ނިންމާލާނީއޭ، އެމީހުން އެކަމާ އުޅަގަތް ގޮތުން އަޅުގަނޑަށް ވަރަށް މަޖާވެސްވި ވަރަށް ރަނގަޅަށް އެ ޓީމުން އެކަން ކޮށް އެރޭ ނިންމާލީ، ހަންނާނު އިސްވެ ދެން އަޑުގައި އޭރު އުޅުނު ލަވަ ކިޔާ ކުދިންތައް އުޅުނީ. އަޅުގަނޑަކަށް ނޭނގޭ ސަމަރޭގެ ހަނދުމަފުޅުގައި ހުރި ކަމެއް، އަސްލުގައި އެ ލަވައަކީ ސަމަރޭ ވިދާޅުވެގެން އޭނާގެ ޝުއޫރުތަކާ އެއްގޮތަށް ހެދުނު ލަވައެއް، ތިޔަ ލަވައިން ސޯދިގަށް ލިބެނީ ދެލިގަނޑު ހުރިހާ އޮއްޓަރެއް ސަމަރޭއަށް، އޭނާގެ ހިޔާލުން އުފެއްދި ލަވައެއް ތިއީ،" ސޯދުބެ ވިދާޅުވި އެވެ.