ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ސްޕުޓިނިކް ވީ އަށް ހުއްދަ ދީފި، ވެކްސިން ލިބޭތޯ ބަލަނީ

ކޮވިޑް-19 އަށް ރަޝިޔާއިން ތައްޔާރުކޮށް ބޭނުން ކުރުމުންދާ "ސްޕުޓިނިކް ވީ" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އެ ވެކްސިނަށް ރާއްޖޭގެ ސިއްހީ އިދާރާގެ ހުއްދަ ލިބުނު ނަމަވެސް އެ ވެކްސިނެއް ރާއްޖޭގައި ނެތެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19 އަށް ރަޝިޔާއިން ތައްޔާރުކޮށް ބޭނުން ކުރުމުންދާ "ސްޕުޓިނިކް ވީ" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް ވިދާޅުވީ ވެކްސިނަށް ހުއްދަ ދީފައިވީނަމަވެސް އެއްވެސް ވަރަކަށް އެ ވެކްސިން ރާއްޖޭގައި ނެތް ކަމަށެވެ. އެ ވެކްސިން ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ހުއްދަ ދީފައިވަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ސިނޯފާމް ވެކްސިނަށެވެ. ކޮވިޝީލްޑް ވެކްސިން ގިނަ ބަޔަކަށް ދީފައިވާއިރު އެ ވެކްސިން މިހާރު ވަނީ ހުސްވެފައެވެ. މިހާރު ދެމުން ގެންދަނީ ސިނޯފާމް އާއި ފައިޒާ އެވެ. ފައިޒާ ވެކްސިން ދެމުން ދަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެެކަންޏެވެ.