ބޭރު ކުޅިވަރު

ސަކޯ އަށް ހަފުތާ އަށް ކުޅުމާ ދުރަށް

ލިވަޕޫލްގެ ޑިފެންޑަރު މަމަޑޯ ސަކޯ އަށް ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އޭނާ އަށް އަނިޔާވީ ކްރިސްޓަލް ޕެލަސް އަތުން އާދީއްތަ ދުވަހު ލިވަޕޫލް 2-1އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގަ އެވެ.

އެ މެޗަށް ފަހު ހެދި ޓެސްޓް ތަކުން ދައްކާފައިވަނީ އޭނާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި އަނިޔާ މުޅިން ރަނގަޅުވެގެން އަލުން ކުޅެން ނުކުންނަން އަށް ހަފުތާވާނެ ކަމަށް ލިވަޕޫލުން ލަފާކުރެ އެވެ.

ސަކޯ އަކީ ލިވަޕޫލްގެ އާ ކޯޗު ޖާގެން ކްލޮޕް އަށް ވަރަށް ކަމުދާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް އަނިޔާވުމަކީ ކޯޗަށް ކުރިމަތިވާނެ އިތުރު ޕްރެޝަރެކެވެ.

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފޯވަޑް ޑެނީ އިންގްސް އަދި ޖޯ ގޮމޭޒަށް ވެސް ވަނީ އަނިޔާވެ ކުޅުމާ ދުރުގައި ތިބެން ޖެހިފަ އެވެ.