މޫސުން

އުތުރުގެ ގިނަ ރަށްތަކަށް އުދަ އަރަނީ

އުތުރުގެ ގިނަ ރަށްތަކަށް އުދަ އަރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ދެންމެ ބުނީ ރިޕޯޓު ލިބިފައިވާ ގޮތުން ހއ. ހޯރަފުއްޓާއި ހއ. އުލިގަމާއި ހއ. ތުރާކުނާއި ހއ. ދިއްދޫ އަދި ށ. މިލަންދޫ އާއި ށ. ފުނަދޫގެ އިތުރުން ށ. ކޮމަންޑޫ އަށް އުދަ އަރަމުންދާ ކަމަށެވެ.

މި ނޫން ބައެއް ރަަށްރަށަަށްވެސް އުދަ އަރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވެއެވެ.

ހއ. ހޯރަފުއްޓަށް ގަދަވަޔާއި އަދި އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މަސައްކަތް ކުރަމުން ކަމަަށްވެސް ބުނެފައިވެއެވެ. އަދި އިތުރު އެހީތެރިކަން ބޭނުން ވެދާނެ ފަދަ ހާލަތަކަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ އިން ތައްޔާރުވެފައިވާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރާއި ދެކުނުގެ ރަށްތަކަށްވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. ހދ. ކުޅުދުއްފުށީގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުލުހުންނާއި ސިފައިން‬⁩ އަދި ކައުންސިލް ގުޅިގެން ވަގުތީ ގޮތުން ފުރާޅު އަޅާދެވިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ވިއްސާރައާ ގުޅިގެން ބައެއް ރަށްރަށުގެ ދަނޑުބިންތަކާއި ގޯތިގެދޮރަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. އެ ގެއްލުންތައް ކައުންސިލްތަކާއި ގުޅިގެން ބަލާ ރިކޯޑް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.