ފޮރިން މިނިސްޓްރީ

ލަންކާއަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެ

ސްރީލަންކާއަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރުމުގެ އުސޫލަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރުމުގެ އުސޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މެއި 11 އިން ފެށިގެން 31 ގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ މީހުން (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭހެން) އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް ނުވަތަ ކަރަންޓީނު ސެންޓަރެއް ނުވަތަ ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 ދުވަހުގެ މުއްދަތައް ކަރަންޓީނު ވާންޖެހޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އަދި އެ ގައުމަށް ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ކުދިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ދޫކޮށްލާނީ އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ އޮން އެރައިވަލް ޕީސީއާރު ޓެސްޓާއި ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ އެގްޒިޓް ސީޕީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ ޕީސީއާރު ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.

ކަރަންޓީނު ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ މީހުން ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން ބޭސްފަރުވާއަށް ދަތުރު ކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ގައުމުން އަންގަވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.