ބޭރު ކުޅިވަރު

ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް: މަމިޗް

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.

މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި މަމިޗްގެ އިރުޝާދުގެ ދަށުން ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ފިލިޕީންސް އަތުން ބަލިވެ، ރާއްޖެ އަށް ފައިނަލްގެ ފުރުސަތު ގެއްލުނެވެ. މީގެ އިތުރުން މަމިޗްގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ޓީމުން ވަނީ ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ވެސް މިދިޔަ އަހަރު ވާދަކޮށްފަ އެވެ.

އެފްއޭއެމްގެ  ހިންގުމާ ވަގުތީ ގޮތުން ޑިސެމްބަރު މަހު ހަވާލުވި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީން ވަނީ މަމިޗްގެ މަގާމުގައި ނުބަހައްޓަން ނިންމައި، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

މަމިޗް ބުނީ ރާއްޖޭގެ ޓީމާއެކު ނެރުނު ނަތޖާތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދެވުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" މަމިޗް "އަވަސް" އަށް ބުންޏެވެ. "އަހަރެންގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ލިބިގެންދިޔައީ. އެއީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދުން. މި ކާމިޔާބު ތާރީހުގެ ތެރެއިން އެއްވެސް މީހަކަށް ނުފޮހެވޭނެ. މި ކާމިޔާބީގެ ސަބަބުން 2014 ވަނަ އަހަރު ފީފާ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމަކީ ރާއްޖެ. ރާއްޖޭން ފީފާ ރޭންކިންގައި 33 ދަރަޖައިގެ ކުރިއެރުމެއް ހޯދި."

 މަމިޗްގެ ބަދަލުގައި ގައުމީ ޓީމަށް އާ ކޯޗެއް ހޯދުމަށް އެފްއޭއެމް އިން މަސައްކަތްކުރަމުންދާއިރު، ގައުމީ ޓީމަށް ދެން ހަވާލުވާ ކޯޗަކީ ކުރިން ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗެއް ކަމަށް އެފްއޭއެމް އިން ބުނެ އެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ފަށާ ޕޮމިސް ކަޕްގެ ކުރިން އާ ކޯޗު ހަމަޖެހޭނެ ކަމަށެވެ.