ބޮލީވުޑް

"އާޝިގީ"ގެ ބަތަލާ، އަނޫގެ ދިރިއުޅުން ހަލާކުވެފައި!

"އާޝިގީ" ރިލީޒްކޮށް ފިލްމަށް ލިބުނު ބޮޑު ކާމިޔާބާއެކު ފިލްމުގެ ދެ ތަރިން ކަމަށްވާ ރާހޫލް ރޯއީ އާއި އަނޫ އަގަރްވާލް އަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބި ބެލުންތެރިން އެމީހުންނާ ހެދި ދިވާނާ ވާ ދަރަޖައަށް ކަންތައްތައް ދިޔަ އެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ މި ފލްމު ރިލީޒްކުރީ 1990 ވަނަ އަހަރު އެވެ.

އެ ދުވަސްވަރު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ބޮލީވުޑްގައި ކުރިޔަށް ދެވޭނީ ދޮން ބަތަލާއިންނަށް އެކަނި ކަމަށެވެ. ގައިގެ ހަންގަނޑު އަނދިރިނަމަ ފިލްމުތަކުން އެކަށީގެންވާ ފުރުސަތުތައް ނުލިބޭނެ ކަމަށް އޭރު ވަރަށް ގިނަ މީހުން ގަބޫލުކުރެ އެވެ. މި ހީކުރުންތަކަށް ނިމުމެއް އައީ މި ފިލްމުން އަނޫ ހޯދި މަގްބޫލުކަމުގެ ސަބަބުންނެވެ.

"އާޝިގީ"ގެ ފަހުން ވެސް އަނޫ ފިލްމު ކުޅުމުގައި އެތައް އަހަރު ދެމި ހުއްޓެވެ. ނަމަވެސް ރަނގަޅު ފުރުސަތުތައް ލިބުން މަދުވުމުން ޔޯގާ ދަސްކޮށް ފިލްމު ކުޅުމާ ދުރުވީ އެވެ.

މިގޮތަށް ފިލްމީ މަސައްކަތާ ދުރުގައި ހުއްޓާ ވަރަށް ވަރުގަދަ އެކްސިޑެންޓެއް އަނޫ އާ ކުރިމަތިވެ އޭނާގެ ދިރިއުޅުން އެ ފުށް މިފުށަށް ވަނީ ޖެހިފަ އެވެ. އޭނާގެ ރީތި ސިފަ ހުތުރުވެ މުޅި މި އެކްސިޑެންޓްގެ ސަބަބުން މުޅި މީހާއަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.

ވަރަށް ގަދަޔަށް ވާރޭ ވެހުނު ދުވަހެއްގެ ހެނދުނު އަނޫ ދުއްވަމުންދިޔަ ކާރު ފުރޮޅާލައިގެން ތިން ހަތަރު ބުރު އެޅުމަށްފަހު މުމްބައިގެ ޗޯޕާޓީ އޭރިޔާގެ ތަނެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އަނޫ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އޭނާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމުން ކޯމާގައި ވެސް 29 ދުވަހު އޮތެވެ. ފުރާނަ ކިރިޔާ ސަލާމަތްވި މި ހާދިސާ ވެގެން ދިޔައީ އަނޫގެ ހަޔާތު މުޅިން ބަދަލުކޮށްލި ކަމަކަށެވެ.

ޓައިމްސް އޮފް އިންޑިއާ އަށް އަނޫ ދިން އިންޓަވިއު އެއްގައި މި ހާދިސާގެ ތަފްސީލުތައް ކިޔައިދިނެވެ. އޭނާ ބުނީ އެކްސިޑެންޓާ ކުރިމަތިވީ 1999 ވަނަ އަހަރު ކަމަށެވެ.

"އެކްސިޑެންޓްގެ ސަބަބުން ހަނދާންތައް ގޮސް އެންމެ ކުޑަމިނުން އަހަރެންގެ ނަން ވެސް ހަނދާނެއް ނެތް. ތުންފަތުގައި ލިޕްސްޓިކް ޖައްސަނީ ކިހިނެއްކަން ވެސް ހަނދާނެއް ނެތް،" އަނޫ ބުންޏެވެ.

މި އެކްސިޑެންޓުގައި އަނޫގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އޭނާގެ ސިފަޔަށް ވެސް ވަނީ މިހާރު ބޮޑު ބަދަލެއް އައިސްފަ އެވެ. ކުރިން ފިލްމުތަކުން ފެނުނު ޒުވާން ރީތި އަނޫ މިހާރު ފެންނަނީ ވަރަށް ތަފާތު މީހެއްގެ ސިފައިގަ އެވެ.

"މީހުންނާ ބައްދަލުކޮށް އުޅެން ފެށީ 2006 ވަނަ އަހަރު. އެކްސިޑެންޓަށް އޭރު ހަތް އަހަރު ފާއިތުވެއްޖެ. އެހާ ދުވަސްވީއިރުވެސް ނޫސްވެރިން އަހަރެންގެ ގޭގެ ބޭރުގައި ބަނޑަހަ ޖަހައިގެން ތިބޭ. އިސާހިތަކު އަހަރެން މިހާރު ހުރި ގޮތާއި ކުރީގައި ހުރި ސިފަ ފެންނަ ފޮޓޯތައް މީހުން ނޫސްތަކުގައި ޖަހަން ފެށި. އަދި މޭކަޕް ނުކޮށް ހުއްޓާ ނަގާފައިވާ ފޮޓޯތައް ވެސް ޖަހަން ފެށި. އަހަރެންނަށް މިކަމުން ވަރަށް ބޮޑު ޝޮކެއް ލިބުނު،" އަނޫ ބުންޏެވެ.

އަނޫ އަކީ ކުޅަދާނަ ބަތަލާއެއް ނަމަވެސް އަލުން ފިލްމީ ދުނިޔެއަށް އެނބުރި އައުމުގެ ވިސްނުމެއް އަދިވެސް އޭނާގެ ނެތެވެ. ޚާއްސަކޮށް އޭނާގެ މިހާރުގެ ސިފަޔަށް ކުރިމަތިވާނެ ފާޑުކިޔުންތަކަށް ވިސްނާލާފައި ފިލްމު ކުޅުމާ ދުރުގައި ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އަނޫ ގަބޫލު ކުރެ އެވެ.