އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި

May 15, 2021
1

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީން ބުނީ އިންތިހާބު ފަސްކުރީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެމުން ގެންދާ ވަގުތެއްގައި އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށެވެ.

އިންތިހާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިއުލާނު ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

އިންތިހާބު ފަސްކުރި ނަމަވެސް އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުންދާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފައި މިވަނީ މިވަގުތު އިންތިހާބު ބޭއްވުމާ ދޭތެރޭ އަލުން ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެދިވަޑައިގެންފައި ވަނިކޮށެވެ. ރައީސް ވެސް އެކަމަށް އެދިވަޑައިގެންނެވީ ރައީސް ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ އިންތިހާބެއް ބާއްވާ ކޮންމެ ވަގުތަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާ ވަގުތެއް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް ހަމަލާދީފައިވާ މި ވަގުތަކީ ޕާޓީގެ ބަދަހި ކަމަށް ވަރަށް މުހިއްމު ވަގުތެއް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ. ވޯޓުލުން ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެ އެވެ.