ގެސްޓް ހައުސް ވިޔަފާރި

ގޭމް ބްރޭންޑްކޮށް މާކެޓިންއަށް

May 16, 2021
1

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ބްރޭންޑްކޮށް، ގެސްޓްހައުސްތައް މާކެޓު ކުރުމުގެ މަސައްކަތް ފަށަން ވިސްނަން ފަށައިފި އެވެ.

ގޭމް ބްރޭންޑް ކުރުމުގެ ގޮތުން، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނު ވެސް ކޮށްފަ އެވެ. ގޭމް އިން ކޮށްފައިވާ އިއުލާނުގައި ބުނީ އެ ސޯސިއޭޝަން ބްރޭންޑިން ހަދައި، މެގަޒިން އާއި ގޭމްގެ ރަސްމީ ފެއާ އަދި އެވޯޑް ނައިޓުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ނިޔަލަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ގެސްޓްހައުސްތަކުގެ ހައްގު ހޯދުމުގައި ހަރަކާތްތެރި ވަމުން އަންނަ، ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ ހަސަން ވިދާޅުވި ގޮތުގައި ބްރޭންޑް ކުރުމަށް ފަހު އެ ޖަމިއްޔާ އިން މާކެޓިން ފާމެއްގެ ރޯލް ވެސް ފުޅާކޮށް އަދާ ކުރާނެ އެވެ.

"ރާއްޖޭގެ 610 ގެސްޓްހައުސްގައި 10،000 ކޮޓަރި އެބަހުރި. ލޮކްޑައުން ކުރީގައި ހެދި ސާވޭ އިން އެނގުނު ގޮތުގައި މީގެ 40 ޕަސެންޓް ކޮޓަރި ފިލްއެއް ނުވޭ. މީގެ މާނައަކީ ފިލް މިވަނީ 6،000 ކޮޓަރިއޭ. ބާކީ އޮތް 4،000 އެނދު ފިލް ނުވޭ. އެހެންވެ، އެކަން އަޅުގަނޑުމެން ފަށަން ގަސްތު ކުރަނީ،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގެ ދަށުން ގެސްޓްހައުސް ތަކަށް ހާއްސަކޮށް "ޑެސްޓިނޭޝަން ބްރޭންޑިން" އެއް ހަދާނެ ކަމަށެވެ.

"އޭރުން ވިޒިޓް މޯލްޑިވްސް އިންނަ ގޮތަށް، ލޯކަލް އައިލެންޑް އެކްސްޕީރިއަންސް ނަމަވެސް ދުނިޔެ އަށް ދައްކަން ބޭނުންވަނީ މި ތަންތަނުން [ގެސްޓްހައުސްތަކުން] ވެސް ބީޗާއި ގޮނޑުދޮށް އަދި ޑައިވިންއާ ހިދުމަތްތައް ވެސް ލިބޭނެކަން،" ސައުދުﷲ ވިދާޅުވި އެވެ.

"ބްރޭންޑިން ހެދީމަ ވިސްނުން ހުރީ އަގޯޑާ ނޫނީ އެކްސްޕީޑިއާ އިންނަ ގޮތަށް ގެސްޓްހައުސްތަކުގައި އިންނާގެ ގޭމް ވެސް."