އިޒްރޭލް

އިޒްރޭލްގެ ފަތުރުވެރިން ހުއްޓުވަން ކުއްލި މައްސަލައެއް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެ ކަންކަން ހުއްޓާލަން ދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް އެދި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެ މައްސަލަ ބަލައިގަތުމާމެދު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް މަޖިލީހުގެ 55 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވަނީ އިޒްރޭލުން އަރައިގެނެ ފަލަސްތީނުގެ ބިންތަކުގެ ވަޒަންވެރިން ނެރެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އަދި މިހާރު ގާޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. އޭގެ އިތުރުން މުސްލިމުންގެ މުގައްދަސް މިސްކިތް މަސްޖިދުލް އަގްސޯއަށް އިޒްރޭލްގެ ސިފައިން ވަދެ ދިން ހަމަލާތަކާއި އަދި ގައްޒާއަށް މިހާރުވެސް ކެނޑިނޭޅި ދޭ ހަމަލާތައް ކުށްވެރި ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ސައްތަ ސައްތަ މުސްލިމް ގައުމަކަށްވެ އޮވެގެން ހަމައެކަނި އެ އުދުވާންތައް ކުށްވެރިކުރުމުގެ ބަދަލުގައި އަމަލީ ގޮތުން ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިޒްރޭލްގެ އުދުވާން ހުއްޓާލަންދެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި އަދި އެ ގައުމުގެ މުދާ އެތެރެކުރުން ހުއްޓާލުމަށެވެ.

ޝިޔާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މިހާރު ކަންކުރާ އުސޫލުން ހަމައެކަނި ބަޔާނެއް ނެރެގެން ނުފުދޭ ކަމަށެވެ.