ރައީސް މުހައްމަދު ނަޝީދު

މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނަން: ރައީސް ނަޝީދު

މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން، އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއެއް ސަލާމަތްވެ ވަޑައިގެން ގައުމުން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ޖަރުމަނު ވިލާތުގެ އަސްކަރީ ހޮސްޕިޓަލްގައި ރައީސް ނަޝީދު އިތުރު ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއް މިއަދު މަޖިލީހުގެ ޖަލްސާއަށް އަމީން އާންމު ވަނީ އިއްވަވާފަ އެވެ. މިއަދަކީ ޗުއްޓީއަށް ފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށި ދުވަސްވެސް މެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު މަޖިލީހުގައި ވަޑައިގެން ނެތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ފަސްޖެހި ވަޑައިގަތުމެއް ނެތި ހީވާގި ކަމާއެކު މެންބަރުން މަސައްކަތް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށް މެމްބަރަން މަސައްކަތް ކުރައްވާނެ ނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"... މާތް ﷲގެ އިރާދަ ފުޅާއެކު މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ތިޔަ މެމްބަރުންނާއެކު ބައިވެރި ވާނަން. ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު ބައްދަލު ކުރާނަން. މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއެކެ ދެމި ހުންނާން،" ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަންވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި އަދި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ނެވެ.