ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެމްބަރުން ފަލަސްތީނާއެކު

އިޒްރޭލުން ފަަލަސްތީނަށް އަރައިގަނެ ހިންގަމުން ގެންދާ އުދުވާންތަކާ ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފަލަސްތީނާއެކު އޮތްކަން ހާމަކޮށްދީފި އެވެ.

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއިން އަމަލީ ގޮތުން ފިޔަވަޅުއަޅަން އެޅި ނައިފަރު ދާއިރާގެ މެމްބަރު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އޭނާ އެދިވަޑައިގެންނެވީ ފަލަސްތީނަށް ހަމަލާ ދިނުން ހުއްޓާލަން ދެން އިޒްރޭލްގެ ފަތުރުވެރިން ރާއްޖެއައުން ހުއްޓުވައި އެ ގައުމުގެ މުދާ ވެސް ރާއްޖެ ގެނައުންވެސް ހުއްޓުވާށެވެ.

އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވެސް އިޒްރޭލްގެ އުދުވާންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މެންބަރު ޝިޔާމް ފަދައިން ފަލަސްތީނުގެ މައްސަލައިގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަން އޭނާވެސް މިއަދު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޝިޔާމްގެ މައްސަލަ ފުރަތަމަ ހުށަހެޅުއްވީތީ އޭނާގެ މައްސަލަ ގެންދެވީ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ސިއްހީ ހިދުމަތްތަކުން މަހުރޫމްކޮށް ހޮސްޕިޓަލްތަކާއި އަދި ކްލިނިކްތަކަށް ހަމަލާތައް ދެމުންދާތީ އޭނާ މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކޮށް ކުރިއަށް ޖީލު ހަލާކުކުރަމުންދާ ދިއުމަކީ ބިރުވެރި މައްސަލައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"މިކަން މަޖިލީހުގެ އަދި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަކީ މަޖިލިސް ކުރަން ޖެހޭ ކަމަކަށް ވާތީ އަޅުގަނޑު މި މައްސަލަ ހުށަހަޅަން އުޅުނީ،" ސަލީމް ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިނިވަން މީީޑިއާއަށް ހަމަލާދީ އަދި ކުޑަކުދިން ޝަހީދުކޮށް އިޒްރޭލުން ގަތުލުއާންމެއް ހިންގަމުން ގެންދާ ކަމަށެވެ. އެހެންކަމުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ތިބެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށާއި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެކަމުގައި ކޮންމެވެސް ވަރެއް ކުރަން ޖެހޭނެ ކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކޮށް ބޮޑެތި އަނިޔާތައް ދެމުންދާއިރު ވެސް އދ. އިން އެކަން ކުށްވެރި ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށާއި އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބުމުގެ އެއްވެސް އަލިމަގެން ނުފެންނަ ކަމަށެވެ. އަދި ލެއްވިހާ އަނިޔާއެއް އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ދިއުން އޭނާ ކުށްވެރި ކުރެއްވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ބަލަން ދުނިޔޭގެ އެއްވެސް ދިވެހި9 ރައްޔިތަކަށް އަދި ހާއްސަކޮށް އެއްވެސް މުސްލިމަކަށް ކެތް ނުވާނެ ކަމަށެވެ. އޭނާ އެދިވަޑައިގެންނެވީ ދުނިޔޭގެ ސަފުގައި ރާއްޖެއަށް ދެއްކޭނެ މިސާލެއް ބަލައި އެކަމުގައި އަމަލީ ގޮތުން ބައިވެރިވާށެވެ.

ފަލަސްތީނުގެ މައްސަލައަކީ ވަރަށް ޒަމާންވީ މައްސަލައެއް ކަމަށާއި އަދި އެކަމުގައި ހުރިހާ މުސްލިމު ގައުމުތަކުންވެސް އެކަތި ގަނޑަކަށްވެ ތެދުވަން މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ގޮވާލެއްވި އެވެ.