މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްއެމްޕީއާރްސީއަށް ދޫކުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އަންގައިފި

ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާ އެމްއެމްޕީއާރްސީއަށް އެމްޕީއެލް އިން އެކި ފަހަރު މަތިން ދޫކޮށްފައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެމްޕީއެލްިން އަންގައިފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އެމްއެމްޕީއާރްސީއަށް އެކި ފަހަރު މަތިން 100 މިލިޔަނަށްވުރެ ގިނަ ފައިސާ ދޫކުރީ ބޯޑުން ނިންމައި ހުއްދައެއް ހޯދައިގެން ނޫން ކަމަށެވެ. އަދި މަގާމު ނުފޫޒު ބޭނުންކޮށްގެން އެމްއެމްޕީއާރްސީއަށް ދޫކުރި ފައިސާ ތަކުގެ މައްސަލަ އެމްޕީއެލް އިން ފުލުހަް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އެމްއެމްޕީއާރްއެސްގެ މައްސަލަތައް ފުލުހުން ބަލާއިރު އެ ކޭސް ވެސް އޭގެ ތެރޭގައި ހިމެނިގެންދޭ. އެހެންވީމާ އެކަންވެސް އެބަދޭ،" ޖުނައިދު މިއަދު އަވަސް އަށް ވިދާޅުވި އެވެ.

އޮޑިޓާ ޖެނަރަލް ކުރިން ނެރުއްވި އެމްއެމްޕީއާރްސީއަށް އެމްޕީއެލް އިން ދޫކުރި 77 މިލިއަން ރުފިޔާ މިހާރު ވަނީ އެމްޕީއެލްއަށް ހޯދާފަ އެވެ. ޖުނައިދު ވިދާޅުވީ އެއީ ހުއްދަ ހޯދައިގެން ދޫކުރި ފައިސާ އެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލަށް އަށްވެސް ވަނީ އަންގާފައެވެ. އެ އޮޑިޓް ހަދަނީ ރައީސް އަބްދުﷲ ޔާމީން ވެރި ކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެނެވެ.