އެޗްޑީސީ

ހުޅުމާލޭގައި މިސްކިތެއް ޑިޒައިން ކުރުމުގެ މުބާރާތެއް

May 18, 2021

ހުޅުމާލެ ސެންޓްރަލް ޕާކު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން އަޅަން ހަމަޖެހިފައިވާ މިސްކިތް ޑިޒައިން ކުރުމުގެ މުބާރާތެއް ފަށަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީ އިން ހިންގާ މި މުބާރާތުގައި ބައިވެރިވެވޭނީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓަރީ ވެފައިވާ ދިވެހި އާކިޓެކްޓުންނަށް އެކަންޏެވެ. މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާ ލިބޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މި މަޝްރޫއު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގާ މުބާރާތެކެވެ.

އެޗްޑީސީ އިން ބުނީ ހަތަރު ސަރަހައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިސްކިތާއި އިންވެގެން ހެދޭ އިސްލާމިކް ސެންޓަރު ފަރުމާކުރުމުގެ ފުރުސަތު ވެސް މި ދައިރާގެ ފަންނީ ދިވެހިންނަށް ވަނީ ހުޅުވާލާފަ އެވެ.

އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނޭ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އާކިޓެކްޗަރުންނަށް މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅޭނެ އެވެ.

ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްގީ ކުރެވިގެންދާނެ މަޝްރޫއުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.