ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރާއެކު ލޭ ހުއްދަކުރަން ގޮވާލާތީ ކުއްލި މައްސަލައެއްް

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަކަމަށް 33 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. އަދި ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިފަހަކަށް އައިސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފައްދައި އެމީހުންގެ ލޭ ހުއްދަކުރުމަށް ގޮވާލައި އެމީހުންނަކީ މުސްލިމުން ނޫން ކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމުވެފައިވާ ކަމަށެވެ.

އޭގެ މިސާލަކަށް ނެންގެވީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ގިސާސް ހިފުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން އޭނާ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ ޓީޗަރަކު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގެ މައްސަލަ އެވެ. އޭގެ އިތުރުން އިއްޔެ މަޖިލީހުގެ ޖަލްސާއެއް ޓީވީ ޗެނަލްއަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރިކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ވަކި ވަކި ފަރުދުންނާމެދު ނަފްރަތު އުފައްދައި ލޭ އޮހޮރުވުން މިހާ އާންމުކަމަކަށް ވެފައިވާތީ އެފަދަ ކަންކަމަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް މީކާއިލް އެދިވަޑައިގެންނެވި އެވެ.

މީކާއިލް އެ މައްސަލަ މިއަދު ހުށަހެޅުއްވިއިރު ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ނިންމާ ކަމާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.