ހަބަރު

ފަލަސްތީން މައްސަލާގައި ރާއްޖެއަށް މަލާމާތްކުރި ބިދޭސީއަކު ހޫނު ފެނަށް

May 18, 2021

ފަލަސްތީނާ ތާއީދުކޮށް ދިވެހިން އަޑުއުފުލާތީ ޓްވިޓާގައި ރާއްޖޭގެ ސައިޒަށް މަލާމާތްކުރި ބިދޭސީ އަންހެނަކަށް ގިނަ ދިވެހިން ރައްދު ދޭން ފަށައިފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ރާއްޖެ އިން ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން ދިވެއްސަކު އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މި ކުޑަ ކުޑަ ރާއްޖެ އިޒްރޭލު ދެކެ ބިރު ނުގަންނަ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެމުން އިނގިރޭސިވިލާތުގެ އެދިތް ކިޔާ އަންހެނަކު ވަނީ ސުވާލުތަކެއް ކޮށްފަ އެވެ.

"ދެން ކަލޭމެންނަށް ކީއްކުރެވޭނީ؟ ވެއްޔާ އައިސްކްރީމް އާ ފޮނުވާނީ؟"

ފަލަސްތީންގެ މައްސަލާގައި ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން ދައްކުވައިދިނީ އެ މަލާމާތަށް ދޭން ފެށި ރައްދުތަކުގަ އެެވެ.

ޓްވީޓަށް ރައްދު ދެމުން އެކަކު ބުނީ ރާއްޖެ އަކީ މުއްސަނދި ގައުމެއް ކަމަށާއި ވެއްޔަކީ އަދި ކުޑަ މިންވަރެއް ކަމަށެވެ. ކާއްޓާއި، ކާށިތެލާއި އަދި ރާކަނި މަސް ވެސް ލިބޭނެ ކަމަށް ބުންޏެވެ. އިތުރު މީހަކު ބުނީ ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް ސޯޝަލް މީޑިއާގައި އަޑު ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ގިނަ މީހުން ބުނަމުން ދިޔައީ ރާއްޖޭގެ ވެއްޔަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި ރާއްޖެ މަޝްހޫރުވެފައި ވަނީ ވެސް ވެލީގެ ސަބަބުން ކަމަށެވެ. އެކަމަކު އެދިތް އަށް އިޝާރާތްކޮށް އެ މީހާ ބުނީ އެދިތްއަށް ދެން މި ގައުމުގެ ވެލީގެ އިހުސާސް ކޮށްލަން ނުލިބޭނެ ކަމަށެވެ.

ޓްވިޓާގައި ދާދި އަވަހަށް އޭނާގެ އެ ކޮމެންޓް ވަނީ ވައިގައި ހިފާފަ އެވެ. ހާހަކަށް ވުރެ ގިނަ މީހުން އެއަށް ވަނީ ރައްދު ދީފަ އެވެ.

ސޯޝަލް މީޑިއާގައި ހިނގާ މި ފަދަ ކަންކަމުގައި މީގެ ކުރިން ވެސް ދިވެހިންގެ ފަރާތުން އެއްބައިވަންތަކަން ފެނެ އެވެ. ދިވެހިންގެ މެދުގައި އެކި ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދި ސޯޝަލް މީޑިއާގައި ޒުވާބު ކުރާ މަންޒަރު ވެސް ފެނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ދިވެހިން ގެންދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

ސޯޝަލް މީޑިއާގައި މިކަމަށް ހާއްސަކޮށްގެން އެތައް ކޮމިއުނިޓީ ގުރޫޕް ތަކެއް ވެސް ވަނީ ހަދާފަ އެވެ.