އެމްޑީޕީ

އެމްޑީޕީން ދެއްކި ނަފްރަތު އުފެދޭ ވާހަކަތައް އިދިކޮޅުން ހަނދާންކޮށްދީފި

ނަފްތަރު އުފެދޭ ގޮތަށް އެމްޑީޕީން މީގެ ކުރިން ދެއްކި ވާހަކަތަކާއި ކުރި ކަންކަން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެމްބަރުން މިއަދު މަޖިލީހުގައި ހަނދާން ކޮށްދީފި އެވެ.

ހަރުކަށި ފިކުރު ފަތުރައި، ވަކިވަކި ފަރުދުންގެ ލޭ ހުއްދަކުރުމަށް ގޮވާލާތީ އެކަން ހުއްޓުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލާގައި ބަހުސްކުރައްވަމުން އިދިކޮޅު މެމްބަރުން ވަނީ އެމްޑީޕީން މީގެ ކުރިން ނަފްތަރު އުފެދޭ ގޮތަށް ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މީކާއީލް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވަކިވަކި ފަރުދުންނަަށް އެކިއެކި ލޭބަލްތައް ދޭތީވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިއަދުގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބްގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ކުރެއްވިއިރު އޭނާއަށް އަމާޒުކޮށް މީހުންގެ މެދުގައި ނަފްތަރު އުފެދޭނެ ގޮތަށް އެމްޑީޕީގެ ބޭފުޅުން ދެއްކެވި ވާހަކަތައް ހަނދާންކޮށްދީފަ އެވެ.

ހާއްސަކޮށް މުއިިއްޒުއަށް އިޝާރާތްކޮށް "ހޮޅި މުއިއްޒު" ފަދަ ނަންނަމުން މުޚާތަބް ކުރިކަން ސައީދު ފާހަގަކުރެއްވި އެވެ. ރާއްޖެއަށް "ހޭޓް ސްޕީޗް" ގެނައީ ކޮން ބައެއް ކަމާމެދު ފުންކޮށް ވިސްނާލުމަށް ވެސް ސައީދު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު މި މައްސަލަ ހުށަހެޅުއްވި ބޭފުޅާ [މީކާއިލް]އަށް ދަންނަވާލަން ބޭނުން ސިޔާސީ ހަތަރު ފަސް ހަ ލީޑަރެއް މަތީގައި އެއް ސަފުހާގަ ޖައްސަވާފަ ކޮލަމްއެއް ހައްދަވާލައްވާ. ހައްދަވާފަ ދިވެހިރާއްޖޭގައި ހޭޓް ސްޕީޗް ކިޔާ އެއްްޗެއް އެންމެ ގިނައިން އުފަންކުރުވީ ކޮން ބޭފުޅެއްތޯ ބައްލަަވާ. އޭރުން މީގެ ނަތީޖާ ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވީ ނަފްތަރު އުފެއްދުމުގެ މަސައްކަތް ހަމައެކަނި ހިނގައިފައިވަނީ މިވެރިކަމުގައި އެކަނި ނޫން ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިނގައި ދިޔަ ދީނީ ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އުނދަގޫކުރުމުގެ ގޮތުން ނަފްރަތު އުފައްދައިގެން އެކަމަށް ހިތްވަރު ދިން ބަޔަކު ވެސް ތިބި ކަމަށެވެ.

"އޭގެ ފަހުން މިތާ ކައިރީގައި ވަކިން މިސްކިތެއްގައި ނަމާދު ކުރަމުން ދިޔަ މީހުންނަށް ސްޕީކާ ސިސްޓަމާއި މެގަފޯން ދިނީ ކޮން ބައެއްކަން އެނގެން އޮންނާނެ. އެހެންވީމާ ވެރިކަމުގައި ތިބި ބޭފުޅުންނަށް ހަޖޫޖަހައި އެބޭފުޅުންނަށް ނަފްރަތު އުފައްދައި އަބުރު ނަގާލައި މުވައްސަސާތަކުގެ އަގު ވައްޓާލައި މިހުރިހާ މަސައްކަތެއް ކުރީ އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން. އޭގެ ތެރެއިން އެމްޑީޕީން ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ތޯރިގް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ލާދީނީ ޓެގްގެ ވާހަކަ ދައްކާއިރު އެ ޓެގް އެޅުވި ފަރާތްތައް މި ސަރުކާރުގެ މަގާމުތަކުގައި މިހާރުވެސް އެބަތިބި ކަމަށެވެ.

"ވިސްނާލަން އެބަޖެހޭ ލާދީނީ ޓެގް އެޅުވީ ކޮން ބައެއްތޯވެސް. ސޯޝަލް މީޑިއާއިން ތިބޭފުޅުން ބައްލަަވާ. ގިނަ ވީޑިއޯތައް މިއަދުވެސް ފެންނަމުންދާއިރު އެވާހަކަަތައް ދެއްކެވި ބޭފުޅުންނާއި ސިޔާސީ ގޮތުން އެއްދާން ކުރަމުން ދާ ތަން ފެންނަމުން ދަނީ. އެވާހަކަ އެންމެ ފުރަތަމަ ދެެއްކި މީހުންނާއެކު ސަރުކާރުން ހިންގަމުން މިދަނީ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ނަފްރަތުގެ ބަސްތައް އުފެއްދި ނަމަވެސް އެއީ އެހެން މީހުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅު މެންބަރުން ވިދާޅުވި އެވެ. ނަފްރަތު އުފެއްދުމުން ރާއްޖޭގައި މިއަދު ހިނގާ ނުރައްކާތެރި ކަންކަން ވަރަށް ގާތުން ފެންނަމުންދާ ކަމަށްވެސް އިދކޮޅު ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.