ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލް މިހާރު އެކުލަވާލާފައިވާ ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ލަންކާގެ ސްޕްރީމް ކޯޓުން ބުނެފި އެވެ.
ލަންކާ ޕާލިމެންޓްގައި މިމައުލޫއަށް ވާހަކަދައްކަވަމުން ޕާލިމެންޓްގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދަނާ ވިދާޅުވީ ބިލް ފާސްކުރެވިދާނެ ގޮތްތަކެއް ސްޕްރީމް ކޯޓުން ކަނޑައަޅައި އިރުޝާދު ދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ދިން އިރުޝާދުގައި ބިލް ފާސްކުރުމަށް ދެތިން ގޮތެއް ވަނީ ބުނެދީފަ އެވެ. އެދިފައި ވަނީ ފުށުއަރާ ގޮތަށް މިހާރު ހުރި ނުކުތާތައް އިސްލާކުރުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށެވެ. ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ވެސް ސައްހަކަން ކަށަވަރުކުރުމަށް އޮތް އިޚުތިޔާރެކެވެ. އެހެންނަމަވެސް ބޮޑަށް ބާރުއަޅާފައި ވަނީ ފުށުއެރުންތައް ނައްތާލަން ގާނޫނު ހަދާ މަޖިލީހުން ގޮތެއް ކަނޑައެޅުމަށެވެ.
ލަންކާ ނޫސްތަކުން ބުނާ ގޮތުން މިބިލާ މެދު ސަރުކާރުން މިހާރު ދެކޭ ގޮތާ މެދު މަޝްވަރާކުރުމަށް މިއަދު ކެބިނެޓް ބައްދަލުކުރާނެ އެވެ. އަދި މާއްދާތަކަށް ގެނެވެން ހުރި ބަދަލުތަކާ މެދު ބަހުސްކުރާނެ އެވެ.
ސަރުކާރުން އެދޭ ބަދަލުތަކަށް ފަހު ބިލަށް ބަހުސްކުރުން މެއި 19 އަދި 20 އަށް ތާވަލްކުރާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލަށް ބަހުސްކުރަން ކުރިން ކަނޑައެޅި ތާރީހަކީ މެއި 5 އެވެ. އެހެންނަމަވެސް ބިލުގައި ހުރި މައްސަލަތަކާ މެދު ގޮތެއް ނިންމައިދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަތީ ފަސްކުރީ އެވެ.
މިބިލާ މެދު ލަންކާގައި ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކުުރަން ގިނަ ބަޔަކު ދެކޮޅު ހަދަ އެވެ. އެެކަމަކު ސަރުކާރުން ބުނަނީ ބިލްގެ ސަބަބުން ލަންކާ ބަދަލުވާނީ ސިންގަޕޫރާ އެއް ހަމަ އިގުތިސޯދަކަށް ކަމަށެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ބިލް ފާސްކޮށްފިނަމަ ޕޯޓް ސިޓީ ވާނީ ޗައިނާގެ އިސްތިއުމާރީ ބާރަކަށް ކަމަށާއި އެތަނުގައި ވެރިކަން ކުރާނީ ޗައިނާއިން ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.