ރައްޔިތުންގެ މަޖިލިސް

ޕީޖީ މުހުތާޒު ހާޒިރު ކޮމެޓީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި

Nov 10, 2015

ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް މިއަދު މަޖިލިހަށް ވެއްދި މައްސަލަ ބަލަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސަބް ކޮމިޓީއަށް ޕީޖީ މުހުތާޒު މުހުސިން ހާޒިރު ކޮމެޓީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީ ކުރިޔަށް ގެންދެވޭ ގޮތް ނުވީ ކޮމެޓީ ސިއްރުކޮށްފައި ވަނިކޮށް ކޮމެޓީގެ މެންބަރު ރޮޒައިނާ ފޯނުން ކޮމެޓީގެ ވާހަކަތައް ރިކޯޑް ކުރައްވަން މަސައްކަތް ކުރެއްވުމުންނެވެ.

ކޮމެޓީ ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ މުހުތާޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ވިދާޅުވީ އޭނާއަށް ތުހުމަތު ކުރާފަދަ ގައުމީ ސަލާމަތައް ނުރައްކާވާފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށެވެ.

ޕީޖީ މުހުތާޒުގެ މައްސަލަ ހުށަހެޅީ ތިން މެމްބަރަކު ސޮއިކުރައްވާ މިއަދު އެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އެ މައްސަަ ހުށަހެޅީ މުހުތާޒު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ސޮއިކުރެއްވީ ޕީޕީއެމްގެ އަބްދުއްރަހީމް އަބްދުﷲ އާއި މުހައްމަދު ވަހީދު އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ އިލްހާމް އަހުމަދެވެ.