ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ދެ ޑޯޒް ޖެހިފަހުން ކޮވިޑް ޖެހި މި މަހު ފަސް މީހަކު މަރުވި

މި މަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރެއިން ފަސް މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަހުން ކޮވިޑް ޖެހި އެ ބަލީގައި މަރުވި މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް ޖެހިގެން މިއަދުގެ މިވަގުތާ ހަމައަށް މި މަހު 45 މީހަކު ވަނީ މަރުވެފަ އެވެ.

އަވަސްއިން އެދިގެން އެޗްޕީއޭއިން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިމަހު މަރުވި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އަދި އެ މީހުން މަރުވެފައިވަނީ ދެވަނަ ޑޯޒް ޖެހިތާ 14 ދުވަސް ފަހުންނެވެ. ދެވަނަ ޑޯޒް ޖެހި ފަހުން ކޮވިޑް ޖެހިފައިވާކަން އެނގި އެ މީހުން މަރުވެފައިވަނީ ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށެވެ.

މީގެ އިތުރުން 8 މީހަކު މަރުވެފައިވަނީ ފުރަތަމަ ޑޯޒް ޖަހާ 14 ދުވަސް ވެފައިވަނިކޮށެވެ. އެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފުރަަތަމަ ޑޯޒް ޖެހި ފަހުން ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މި މަހު މަރުވި މީހުންގެ ތެރެއިން 25 މީހަކު ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއް ނުވެ އެވެ.

މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންވެސް ހިމެނެ އެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ކޮވިޑުން ރައްކާތެރިވުމަށް ބޮޑު ބާރަކަށްވެ އެވެ. އެހެން ކަމުން ވެކްސިން ޖެހުން ފަސްނުކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 20،276 މީހުންނެވެ. މިހާތަނަށް 30،403 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 280 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ 105 ރަށެއްގައި 2969 މީހަކަށް މިހާރު ވެސް ބަލި ޖެހިފައި ވެއެވެ. 67 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށްފަ އެވެ.