ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ދާއިރާ ހުޅުވާލުމުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ނެރެފައިވާ ގައިޑްލައިނަށް އަމަލުކުރަން އެ ޖަމިއްޔާ އިން ގޮވާލައިިފި އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ ކުރީގެ މަސީ އަދި މިހާރުގެ އެމްއެންއޭސީއައި އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ބަލި ފެތުރުން އިންތިހާ އަށް އިތުރުވެފައިވާތީ ކޮންޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްވެސް ސަމާލުވާން އެދޭ ކަމަށެވެ. އަދި މި ޕެންޑެމިކްގެ ހާލުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް އެ ޖަމިއްޔާ އިން ނެރެފައިވާ ގައިޑްލައިނަށް ހުރިހާ ކުންފުނިތަކުންވެސް އަމަލުކުރަން ވެސް ވަނީ ގޮވާލާފަ އެވެ.
އެ ޖަމިއްޔާއި އިތުރަށް ބުނެފައިވާ ގޮތުގައި ކޮންޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރަމުންދާއިރު، އެ އެސޯސިއޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް އެންމެ ފުރިހަމައަށް އަމަލުކުރަން ޖެހެ އެވެ.
"ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ޕަބްލިކް ހެލްތުގެ އެންގުންތަކަށް ތަބާވުމާއި މާސްކް އެޅުމާއި ގިނަ ގިނައިން އަތްދޮވުމާއި އަބަދުވެސް ގައިދުރުކަން ބަހައްޓައިގެން ރައްކާތެރިކަމާއެކު މަސައްކަތް ކުރުމަށް ހަނދާން ކޮށްދެން،" ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ކޮވިޑް-19ގެ ބަލިން ރައްކާތެރިވުމަށް ކޮންސްޓްރަކްޝަން ދާއިރާއިން އަމަލުކުރަން އެމްއެންއޭސީއައި އިން ނެރެފައިވާ ގައިޑްލައިނަކީ ރާއްޖޭގެ ޖަމިއްޔާއަކުން ސިނާއަތަކަށް ހާއްސަކޮށް ނެރެނު އެންމެ ފުރިހަމަ އެއް ގައިޑްލައިން އެވެ.
މި ގައިޑްލައިން ނެރެފައިވަނީ މި ދާއިރާގައި މަސައްކަތް ކުރާ ހަ ގައުމެއްގެ މީހުންގެ ބަހުންނެވެ. އެގޮތުން ގައިޑްލައިން ނެރެފައިވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ހިންދީ ބަސް، ބަންގުލަދޭޝް ބަހާއި ތަމަޅަ އަދި ނޭޕާލް ބަހުންނެވެ.
އެމްއެންއޭސީއައި އާއި އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެފައިވާ ގޮތުގައި މި ގައިޑްލައިންގެ ސަބަބުން ކުންފުނި ތަކަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ. އަދި މި ގައިޑްލައިން ތައްޔާރުކޮށްފައިވަނީ މި ދާއިރާގެ އެންމެ ފުންނާބުއުސް އެކްސްޕާޓުން ބައިވެރިކޮށްގެންނެވެ.
ގައިޑްލައިންގައި ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ސިނާއަތް ހުޅުވާލިއިރު ސައިޓުތަކުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައް ތަފުސީލް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސައިޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން މާސްކް އަޅަން މަޖުބޫރު ކޮށްފައިވެ އެވެ. މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. އަދި މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދު ކުރަން ޖެހެ އެވެ. މި ގަޑިލައިންގައި ކޮންމެ ސައިޓެއްގައި ވެސް ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވަކު ހުންނަން ލާޒިމް ކުރެ އެވެ. މީގެ އިތުރުން ސައިޓަން ވަންނައިރު ވެސް ޓެމްޕަރޭޗާ ޗެކްކޮށް ކޮންމެ ހަ ގަޑިއިރަކުން ހުރިހާ މީހުންގެ ޓެމްޕަރޭޗާ ޗެކް ކުރަން ލާޒިމް ކޮށްފައިވެ އެވެ.