އަބްދުﷲ ޝާހިދު

ޝާހިދު ފަލަސްތީންގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

May 21, 2021

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފި އެވެ.

ނިއުޔޯކްގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، ހައްޤުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަން މިނިސްޓަރު ޝާހިދު ޔަގީންކޮށްދެއްވި އެވެ.

މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލާގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމަށް ވިދާޅުވި އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލާގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން އިހުނަށް ވުރެ ބޮޑަށް ބޭނުންވާނެ ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވެސް ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.

އެގޮތުން ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ޚާރިޖީ ވަޒީރު ސަބްރީ ބުގަދޫމް، ކުވައިތުގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުހައްމަދު އަލް ސަބާޙް، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ހިމެނެ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލާގައި މަޝްވަރާކުރުމަށް، އދގެ އާއްމު މަޖިލީހުގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި ފަލަސްތީން، ސައުދީ އަރަބިއްޔާ، އަލްޖީރިއާ، އިންޑޮނީޝިއާ، އުރުދުން، ކުވައިތު، ޕާކިސްތާން، ގަތަރު، ޓިއުނީޝިއާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ގުދުސްއާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ އުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.