އަހުމަދު އީސާ

އީސަގެ ދިފާއުގައި ދޮށީ ދަރިފުޅު ތެދުވެއްޖެ

ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އީސާއަކީ ތުހުމަތުކުރާ ފަދަ އަމަލެއް ކޮށްފާނެ ބޭފުޅެއް ނޫން ކަމަށް އޭނާގެ ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހްމަދު ބުނެފި އެވެ.

މެންބަރު އީސާއަށް ތުހުމަތުކުރާ މައްސަލަތަކާ ގުޅުވައި މީޑިއާގައިވާ ރިޕޯޓްތަކަށް ޖިދާދުގެ ވަނީ ފޭސްބުކްގައި ތަފްސީލްކޮށް ވާހަކަތަކެއް ޕޯސްޓް ކޮށްފަ އެވެ.

ޖިދާދު ބުނީ އޭނާއަކީ އީސާގެ ދޮށީ ދަރިފުޅަށްވާއިރު މީޑިއާގައި ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބައްޕަގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ.

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އީސަގެ ކުރީގެ އަންހެނުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. ޖިދާދަކީ އީސަގެ ފުރަތަމަ ކައިވެންޏަށް ލިބިފައި ކުއްޖެކެވެ. އަސޫ އަކީ އީސަގެ ތިންވަނަ ކައިވެންޏެވެ.

ޖިދާދު ބުނީ އޭނާގެ ބައްޕައަށް ތުހުމަތު ކުރާ ކަހަލަ ކަމެއް އޭނާގެ މަންމަގެ ފަރާތުން ވެސް ޝަކުވާއެއްގެ ގޮތުގައި ދުވަހަކު ވެސް އަޑުއަހާފައި ނެތް ކަމަށެވެ. ބައްޕަގެ ފަރާތުން އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަންމަ ވެސް ޔަގީން ކޮށްދޭ ކަމަށެވެ.

އަސޫ އާއި އީސަގެ ދަރިފުޅު ލޫތަށް އީސަ އަނިޔާ ދޭން އުޅުއްވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ޖިދާދު ބުނީ ލޫތަށް ބައްޕަ އަނިޔާއެއް ދީފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކަންހިނގާ ދިޔަ ކަމަށް ބުނާ ރޭ އޭނާއަށް މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށް ވެސް ޖިދާދު ފާހަގަ ކޮށްފައިވެ އެވެ. އީސައަކީ ދަރިން ދެކެ ލޯބިވާ ބައްޕައެއް ފާހަގަކޮށް ޖިދާދު ބުނީ ރުޅި އިސްކުރުމާއި ގައިގައި އަތްލުމަކީ ބައްޕަ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އަސޫ ވެސް އަދި ބައްޕަވެސް މިހާތަނަށް ކަން ހިނގާދިޔަ ގޮތް މީޑިއާގައި ހިއްސާކޮށްފައި ނުވާއިރު ކަންހިނގައި ދިޔަ ގޮތް ކަމަށް ބުނެ މީޑިއާގައި ތަފްސީލުކޮށް ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ޖިދާދު ގަބޫލެއް ނުކުރެ އެވެ. އެކަމަކު ބައްޕަގެ ބޮލުގައި އަޅުވަނީ ހުތުރު އަދި ދޮގު ތުހުމަތެއްކަން ޖިދާދު ބުނެފައި ވެއެވެ.

"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގިނަ ހަބަރުތަކަކީ ދައްތަ [އަސޫ] މީޑިއާ އަށް ދީފައިވާ މައުލޫމާތުތަކެއް ވެސް ނޫން،" ޖިދާދު ބުންޏެވެ.

އޭނާގެ ބައްޕަގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއްކަން ޔަގީން ކޮށްދިނުމަށްޓަކައި އޭނާ ވަނީ ސަބަބުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ހާދިސާ ހިނގި ކަމަށް ބުނާ ރޭ އޭނާ ހުރީ ބައްޕައާ އެކީ ވިޔަފާރީގެ މަޝްވަރާތަކެއް ކުރަން ކަމަށާއި އެތަނުގައި އިތުރު އަށެއްކަ މީހުން ތިބި ކަމަށް ބުންޏެވެ. ބައްޕަ ހުރީ މަސްތުގެ ހާލަތުގައި ނޫން ކަމަށް އެ އެންމެން ހެކިވާނެ ކަމަށްވެސް ޖިދާދު ބުނެ އެވެ.

"ދެވަނަ ކަމަކަށް އަތް ބިންދާލި ކަމަށް ބުނާ ބުނުން، ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސޫ ދައްތަ ބަޔާން ދިނުމަށް ފަހު ޕޮލިސް ސްޓޭޝަނުން ނުކުތް އިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް،" ޖިދާދު ބުންޏެވެ.

ކުޑަ ދަރިފުޅު ބެލްކަނިން ވައްޓާލަން އީސަ އުޅުނު ކަމަށް ބުނާ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އީސައަކީ ކުރިން ވެސް އަނިޔާވެރި މީހެއް ނަމަ ކައިވެނި ރޫޅުމަށް ފަހު އީސައާއި އެކު އެއް އެއްގެއެއްގައި އަސޫ އުޅޭނެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ޖިދާދު ބުނީ ލޫތަކީ ކުޑަ ކުއްޖެއް ކަމުން ކައިވެނި ރޫޅުމަށްފަހުގައި ވެސް އީސަ އާއި އަސޫ ދިރިއުޅެމުން އަންނަނީ އެއްގެއެއްގައި "އަންޑަސްޓޭންޑިންއެއް" އޮތުމުން ކަމަށެވެ. ޖިދާދު ވެސް އުޅެނީ ހަމަ އެގޭގަ އެވެ.

"ލޫތުއަކީ އަޅުގަނޑާ އެއް ލެއެއް. ލޫތުއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭކަށް ލޫތުގެ ދޮންބެއެއް ނޭދޭނަން. ލިބުނަކަ ނުވެސް ދޭނަން. ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށް ވެސް ލިބޭނެ ގެއްލުމެއް. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށް ވެސް ލިބޭނެ އުފަލެއް" ކޮއްކޮ ލޫތު ދެކެ ވާލޯބި ޖިދާދު ހާމަކޮށްދީފައި ވެއެވެ.

އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ހުށައެޅި ނަމަވެސް އެފަދަ އަމުރެއް ނެރެވޭނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ. ޖިދާދު ވަނީ އީސަ ހައްޔަރު ކުރަން އިދާރާތަކުން ކޮށްފައިވާ މަސައްކަތްތައް ވެސް ހިއްސާކޮށްފަ އެވެ.

"... ތިން ފަހަރެއްގެ މަތިން ފުލުހުން ވަނީ ތަހުގީގަށް ބައްޕަ ހައްޔަރު ކުރުމުގެ އަމުރެއް ހޯދައިދިނުމަށް އެދި ޕީޖީއަށް ހުށަހަޅާފައި. ނަމަވެސް ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ވަނީ ދެކޮޅު ހަދާފައި. ހަތަރުވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށަހެޅީ ކުރީގެ ހުށަހެޅުން ބަދަލުކޮށް ހެކި ނައްތާލަން ބައްޕަ މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްދިނުމަށް އެދި. ނަމަވެސް ކުރިމިނަލް ކޯޓުން ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް އެވަނީ ނިންމާފައި،"

ޖިދާދު ބުނީ ބައްޕަ ހައްޔަރުކުރަން ކޯޓު އަމުރު ނެރެދީފައި ނުވަނީ ވެސް ބައްޕަގެ ފަރާތުން މުޖުތަމައަށް އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށެވެ. އެއީ ލިބިފައިވާ އަނިޔާގެ މައްޗަށް ހެކި ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އާއި ހެކި ނައްތާލަން އުޅޭ ކަމަށް ނުފެންނާތީ އެވެ. އަދި އަނިޔާގެ ވެށިން އެކަން ކަށަވަރުކޮށްދޭ ހެއްކެއް ލިބިފައި ނުވާތީ އެވެ.

"އަޅުގަނޑު އެދެނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކު ނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އަޕްލޯޑު ނުކުރުމަށް. އޭގެން ގެއްލުންވާނީ ކޮން ކޮން ބަޔަކަށް ކަންވެސް ތިބޭފުޅުންނަށް އަންދާޒާ ވެސް ނުކުރެވޭނެ" ޖިދާދު ބުންޏެވެ.

މެމްބަރު އީސަ ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އީސަ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ. އެ ތުހުމަތުތަކާ ގުޅިގެން އީސަ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.