ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ (އެމިޓީ ޓްރީޓީ) ގައި ރާއްޖެއިން ބައިވެރިވުމުގެ މަސައްކަތް ފަށައިފި އެވެ.
އެމިޓީ ޓްރީޓީގައި ދިވެހިރާއްޖެ ބައިވެރިކުރުމުގެ މަސައްކަތް ފެށީ އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމިއްޔާ (އާސިއާން) ގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖެ ބައިވެރިކުރުމާ މެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް ބާއްވާ ސަރަހައްދީ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.
އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކޮށްފައިވާ މުއާހަދާ އެކެވެ. މިހާތަނަށް 38 ގައުމަކުން ވަނީ މިމުއާހަދާ ބަލައިގެންފަ އެވެ.
މިމުއާހަދާ އެކުލަވާލާފައިވަނީ އާސިއާން ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގަ އެވެ.
އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުން އެކަމަށް ރުހުން ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.